19 Dec 2018, 19:14
ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަތަރު ލީޑަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ބައްދަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްމެގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު އުފައްދަވާފައިވާ ސަރުކާރު ކޯލިޝަނުގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލް ގާނޫނީ އަދަދު ހަމަ ނުުވެގެން ވޯޓަށް ނެހުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ހަމަ ކޯލިޝަނުގެ ހުރިހާ ބޭފުޅުންނަށް މިއަދު ވެސް އިލްތިމާސްކޮށް ދަންނަވަން ބޭނުންވަނީ މި ކަންތައްތައް ކުރުމުގައި ފުރިހަމަ އެއްބާރުލުން އެހީތެރިކަން އަޅުގަނޑުމެނަށް ބޭނުންވެއޭ،" ރައީސް ސޯލިހު ވިދާޅިވި އެވެ.
ކޯލިޝަނާއި މެދު ޔަގީނަކް އެބައޮތް ކަމަށާއި ކޯލިޝަނުގެ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މަދާމަ އަޅުގަނޑުމެން އަނެއްކާ ވެސް ހުރިހާ ލީޑަރުންގެ ބައްދަލުވުމެއް ބާއްވަން މި ތައްޔާރުވަނީ. އޭގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ކުރައް ގެންދާނެ ގޮތާއި ދެން ހުރި ކަންތައްތަކާއި ގުޅޭ ގޮތުން ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނާއި އެކުގައި މަޝްވަރާ ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
އަދި އެ މައުލޫމާތުތައް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު ދެމި އޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެމަނިކުފާނު ރައީސް ކަމަށް ރައްޔިތުން އިންތިހާބްކުރި ގޮތް ވަރަށް ސާފު ކަމަށާއި އެގޮތުގެ މަތީގައި ދެމި ހުންނަވާނެ ކަމަށެވެ.
މީޑިއާއަށް އެނގިގެން ރައީސް ސޯލިހު އެންމެ ފަހުން ހަތަރު ލީޑަރުން ބައްދަލު ކުރައްވާފައިވަނީ ރައީސް ކަމުގެ ހުވާ ކުރުމުގެ ދެ ދުވަސް ކުރިން ހޮޓެލް ޖެން ގަ އެވެ. އަދި އޭގެ ފަހުން ރައީސް ސޯލިހުއާ ވަކިން ހަތަރު ލީޑަރުން ވަނީ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ބައްދަލު ކުރައްވާފަ އެވެ.