02 Oct 2011, 13:20
ރައްޔިތުންނަށް އެނގިގެން ސީދާ ރައްޔިތުންގެ އަތުން ޓެކުހެއް ނަގަން ފެށީ ރޭގެ ސުންގަޑި ސުންމިނެޓުން ފެށިގެންނެވެ. ވިކުރާގެ ގޮތުގައި ދުވާކަލަށް 2740ރ. ނޫނީ ލަފާކުރާ 12 މަސް ދުވަހުގެ ވިކުރާ އެވަރުވާ ނަމަ ސުން ޖީއެސްޓީގެ ކެޓަގަރީއަށް ނުފެތޭ ހިދުމަތާއި ތަކެތިން 3.5 ޕަސެންޓް ކަސްޓަމަރުންގެ އަތުން ނަގައި މީރާ އަށް ދައްކަން ޖެހޭނެ އެވެ.
ތާރީހުގެ ތެރެއަށް ޖީއެސްޓީ ވަންނަ އިރު މި ދަނޑިވަޅުގައި ސުވާލު އުފެދޭ އެހެން ކަންތައްތަކެއް ވަނީ ފެންމަތިވެފަ އެވެ. މިއީ ސުވާލު އުފައްދަން ޖެހޭ ތަންވަޅެވެ.
ޖެހިގެން ހުރި ފިހާރަ އަށް ވަދެ އެއް ކިއްލި ގަނެފީމެވެ. ބިލްކޮޅު ވެސް ހޯދައިފީ މެވެ. ކަމަކު ދާކަށް ނެތެވެ. އިތުރަށް 32 ލާރި އޮތީ ޗާޖު ކޮށްފަ އެވެ. ސޭޓާ ސުވާލުކޮށް، ވީގޮތެއް އޮޅުންފިލުވައިފީ މެވެ. ކިއްލި އެއް ވިއްކަނީ 50ލާރި އަށެވެ. އޭގެ ޖީއެސްޓީއަށް ޖެހޭ، 3.5 ޕަސެންޓަކީ 02 ލާރި އެވެ. ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ދައްކާ އެއްޗަކާ އެކު ބިލުގައި އަސްލު އޮންނަން ވާނީ 52 ލާރި އެވެ.
"ކިހިނެތް ހަނދާނީ އެވަރެއް ޗާޖެއް ނުކުރެވޭނެ. އެހެންވެ ރައުންޑް އޮފް ކޮށްލީ. އެއަށް ޖީއެސްޓީ ނުނަގައިފި ނަމަ މިކޮޅަށް ގެއްލުންވެ ހިސާބުތަކުން މަދުވާނެ،" ސޭޓު ކިއްލިއެއް އެއް ރުފިޔާ އަށް ވިއްކުމަށް ފަހު ދެއްކީ އެބަހާނެ އެވެ.
ފަސް ރުފިޔާ އަށް ވިއްކާ ފެންފުޅިއަކަށް، 3.5 ޕަސެންޓް ޖީއެސްޓީއާ އެކު ޖެހޭނީ 5.18 ރ. އެވެ. ނަމަވެސް ބައެއް ތަންތަނުން 1.5 ލީޓަރުގެ ފެންފުޅިއެއް ވިއްކަނީ 5.50 ރ. އަށެވެ. އަދި 23 ރު އަށް ވިއްކަމުން އައި ރެޑްބުލް ދަޅެއް ޖީއެސްޓީއާ އެކު ޖެހެނީ 23.81ރ. އަށެވެ. ނަމަވެސް ވިއްކަނީ 24ރ. އަށެވެ. ހަމަ އެހެންމެ 12 ރ. އަށް ވިއްކާ ފަސް ލިޓަރުގެ ފެންފުޅިއެއް 3.5 ޕަސެންޓްގެ ޖީއެސްޓީއާ އެކު ޖެހެނީ 12.42ރ. އެވެ. ނަމަވެސް ވިއްކަނީ 12.50ރު އަށެވެ.
އެ މައްސަލަ ކުރިމަތިވުމުން ބައެއް ބޮޑަތި ފިހާރަތަކުން އެއް ރުފިޔާ ދެ ރުފިޔާ އަށް ވިއްކާ ކުދި ކުދި އެއްޗެތީގެ ޖީއެސްޓީ އަންނަނީ "މާފް" ކުރަމުންނެވެ. ބޮޑަތި، އެހެން ވިޔަސް ކިރިޔާ ޖީއެސްޓީގެ އިމަށް ފެތޭ ކުދި ފިހާރަތަކުން، ސުޕާރީއެއް ނޫނީ ކިއްލިއެއް ގަތް ނަމަވެސް ބިލް ހަދަނީ އެއް ރުފިޔާ އަށެވެ.
މީރާ އިން އެ މައްސަލަ އެގޮތަށް ނިކުންނަ ކަމަށް ގަބޫލުކުރެ އެވެ.
"ބޮޑަތި ފިހާރަތަކަކަށް އެއީ ބޮޑު މައްސަލައަކަށް ނުވޭ. ކުދި ފިހާރަތަކަށް އެ ބެއާ ކުރަންވީމާ ދަތިފުޅުކަމަކަށް ވެދާނެ. ބާކީ ދެވޭނެ ނިޒާމެއް ގާއިމް ކުރަން އެބަޖެހޭ، ވަކި ލާރީގެ ގޮތުން ބަލާއިރު،" މީރާގެ ޑައިރެކްޓާ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވި އެވެ.
މަދު އަދަދަކުން ތަކެތި ގަންނަ ނަމަ ޖީއެސްޓީއަށް ދައްކަން ޖެހޭނީ ވަކި ލާރި ކޮޅެކެވެ. ނޫނީ ރުފިޔާ އެއް ރުފިޔާ ނޫނީ ދެ ރުފިޔާއިންނެވެ. ގިނަ ބަޔަކު ވިޔަފާރި ކުރާނީ އެވަގުތަކު ބޭނުންވާ ތަކެތި ވަގުތުން ގަނެގެންނެވެ. އެހެންވެ ވަކި ލާރީގެ މައްސަލަ ވެސް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ވަކި ލާރި ނުލިބުމާއި އޭގެ ތާށިކަން ބޮޑުވެ ޖީއެސްޓީ ނެގުމަށް ވަނީ އުނދަގޫތަކާއި ކުރިމަތިވެފަ އެވެ. އޭގެން ޖީއެސްޓީއަށް މަކަރު ހެދުމަށް ދޮރެއް ހުޅުވެ އެވެ.
"މިއޭ މައްސަލައަކީ. މީތި މި އޮތީ ދެ ރުފިޔާއަށް ހަދާފައި،" ކަސްޓަމަރަކު ރުޅި ގަދަވެގެން އުޅުނީ ވަކި ރުފިޔާ ނެތިގެން ރައުންޑް އޮފްކޮށްގެން ޖީއެސްޓީނެގީމަ އެވެ.
ފަތުހުﷲ ވިދާޅުވި ގޮތުން ޖީއެސްޓީގެ ގަވާއިދުގައި ޖީއެސްޓީ އެއްލާރިން ނުނެގޭނެ ކަމަށް ލިޔެވެން ނެތް ކަމަށެވެ. އެކަމަށް ގާނޫނީ ހައްލެއް ނެތް ކަމަށް ފަތުހު ﷲ ވިދާޅުވި އެވެ.
"މީގެ ހައްލަކީ ވަކި ލާރި ފޯރުކޮށްދިނުން. ނޫނީ ވިޔަފާރިވެރިން އަގު ކަނޑައަޅާ އިރު އެގޮތަށް ނުވާނެ ގޮތަކަށް ހެނދުން،" ފަތުހު ﷲ ވިދާޅުވި އެވެ.
މީރާ އަށް އޮހެމުން ދިޔަ ވަކި ލާރީގެ ޝަކުވާތަކާ ގުޅިގެން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ ވަކި ލާރި ފޯރުކޮށްދޭން ފަށައިފަ އެވެ.
"ކުރިން އެއްކޮށްފައި ހުރި ވަކިލާރި ހުސްވެގެން އެކޮޅަށް (އެމްއެމްއޭ) އަށް ގޮސް ގެނެސްގެން މިއުޅެނީ. ބޭނުން ގޮތަކަށް ބޭނުން ވަރަކަށް އެކޮޅުން ލިބޭ،" ހިތްހަމަ ޖެހިފައި ހުރި ވިޔަފާރިވެރިޔަކު ބުންޏެވެ.
ވަކިލާރިޔާ ހެދި ޖީއެސްޓީ ހަމައިން ނެއްޓުމަކީ އޮތްބިރެކެވެ. ވަކި ލާރި ނެތްކަމުގެ ބަހަނާއަކަށް ހަދައި ޖީއެސްޓީ މިނެ ކިރުމުގައި މަކަރު ހެދުމަކީ ޖީއެސްޓީ ވެސް ހަމައިން ނެއްޓިދާނެ ކަމެކެވެ.
"އަޅުގަނޑުމެން މޮނީޓާކޮށް އެކަމަށް ހައްލުތަކެއް ހޯދާނަން." ފަތުހުﷲ ވިދާޅުވި އެވެ.