ދެ ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އެ ގައުމާއި ރާއްޖެއާ ދެމެދު ސޮއި ކުރި ހަތަރު އެއްބަސްވުމުގެ ބައެއް ތަފްސީލް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި އެކަން ހައްލު ކުރުމުގެ ގޮތުން އިންޑިއާ އިން 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދޭން މިއަދު ބޭނުންވަނީ މިއީ އިތުރަށް ގައުމު ދަރަނިވެރި ކުރުވާނެ ކަމެއް ނޫން ކަމުގައި،" ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

އިންޑިއާއާ އެކު ވެވުނު ވިސާ އެއްބަސްވުމުގެ ދަށުން ވިޔަފާރީ އާއި ޓުއަރިޒަމް އަދި ބޭސްފަރުވާގެ ދަތުރުތަކަށް ޖަހާ ހަ މަސްދުވަހުގެ ވިސާގެ ތެރެއިން 90 ދުވަހު ވިސާއާ ނުލާ ދަތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވަޒީފާގެ ބޭނުމަށް ފިޔަވައި އިންޑިއާއަށް ކުރާ ދަތުރުތަކަށް ހިލޭ ވިސާ ޖަހައި ދޭނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް މިއަދު ހާމަކުރެއްވި ބައެއް ތަފްސީލުތައް

  • ބަޖެޓު ސަޕޯޓެއްގެ ގޮތުގައި 200 މިލިއަން ޑޮލަރު

ބަޖެޓު ސަޕޯޓްގެ ގޮތުގައި ދޭން ނިންމި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އަނެއް 150 މިލިއަން ޑޮލަރަކީ ރާއްޖޭގެ ޓީ ބިލަށް އިންޑިއާ އިން ކުރާ އިންވެސްޓް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ޓީ ބިލް ވިއްކާފައި ވަނީ ވަރަށް ބޮޑު އިންޓަރެސްޓް ރޭޓެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ. ފަސް ޕަސެންޓް، ހަ ޕަސެންޓް ރޭޓުގައި އޭރު ޓީ ބިލް ވިއްކި ނަމަވެސް މި ސަރުކާރުން ޓީ ބިލް ވިއްކަނީ 1.5 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

  • ރިޒާވް ހަރުދަނާ ކުރުމަށް 400 މިލިއަން ޑޮލަރު

އެ 400 މިލިއަން ޑޮލަރަކީ ރާއްޖޭގެ ކަރަންސީ އެމެރިކާ ޑޮލަރަށް ބަދަލު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް ދެމެހެއްޓުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

  • 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓް

އެ ފައިސާ އަކީ އިންޑިއާ އަތުން ލޯނުގެ ގޮތުގައި ގަނޑުކޮށް 800 މިލިއަން ޑޮލަރު ނެގުން ނޫން ކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އޭގެ ތެރެއިން ކުރާނެ ކަމަކީ ސަރުކާރުން ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތަކަކަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި އިންޑިއާއިން ދިނުން ކަމަށެވެ.

"މިގޮތަށް ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ނަގާއިރު ދިވެހި ޕާޓުނަރެއް ހުރުން ކޮންމެހެން ލާޒިމް ކަމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައި،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ހަދައި ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާއާ ދެމެދު ހީނަރުވެފައި އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އަލުން ބަދަހިވުން ކަމަށް ރައީސް ވިދާޅުވި އެވެ.