އިންޑިއާ އެކު ވެވުނު އެއްބަސްވުންތަކުގެ ތެރެއިން ވިސާ ފާއިދާ ނޫން އެހެން ފައިދާއެއް އިންޑިއާއަށް ނުކުރާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އިންޑިއާއަށް ކުރެވި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރެވި ދަތުރުފުޅަށް ފަހު، ފުރަތަމަ ފަހަރަށް މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިއަދު ވިދާޅުވީ އިންޑިއާއާ އެކުވި އެއްބަސްވުންތަކުން ފައިދާ ވާނީ ރާއްޖެ އަށް ކަމަށާއި އިންޑިއާ އަށް ނޫން ކަމަށެވެ.

"ނޯންނާނެ. [އިންޑިއާއަށް] ވިސާގެ ލުއި ފަސޭހަ ކަން ލިބިގެން ދާނެ. އެނޫން އެއްވެސް ކަމެއް ނޯންނާނެ،" އިންޑިއާ އިން ރާއްޖެއަށް ގިނަ ލުއި ފަސޭހަތައް ހޯދައިދީފައިވާ އިރު، ހަތަރު އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ ފަރާތުން އިންޑިއާއަށް ކޮށްދޭނީ ކޮންކަމެއްތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިންޑިއާ ރައްޔިތަކަށް ވުމުން ކުރިން ވިސާ ނުލިބި އޮތުމުގެ ސަގާފަތަށް މި ސަރުކާރުން ނިމުން ގެންނާނެ ކަމަށާއި އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގެ މަސައްކަތްތެރިނަށް ވެސް ރާއްޖޭގައި މައްސައްކަތް ކުރުމަށް ދައްޗެއް ދެން ނޯންނާނެ ކަމަށެވެ.

ދެ ގައުމު ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނީ، ވިސާގެ ކަންތައް ހަރުދަނާ ކުރުމާ ގުޅޭ އެއްބަސްވުމަކާއި ކަލްޗަރަލް ކޯޕަރޭޝަން އާ ގުޅޭ އެއްބަސްވުން، އައިސީޓީ އަދި ދަނޑުވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ދެ އެއްބަސްވުމެކެވެ.

އަދި އޭގެ އިތުރުން ލޯނު އެހީގެ ގޮތުގައި 1.4 ބިލިޔަން ޑޮލަރު ރާއްޖެ އަށް ދިނުމަށް އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.