މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމަށް ގާނޫނުގައި ބުނާ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފިއެވެ.

އެމްއެލްއެސްޑީޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އަށެވެ.

އެ ޕާޓީން 3000 ފޯމު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނީ މިއަދުއެވެ.

މިއަދު އެމްއެލްއެސްޑީޕީގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީ (އެމްޓީޑީ) އަށް ވެސް ވަނީ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭއްވޭ އާންމު ޖަލްސާ ބޭއްވުމަށް ހުއްދަ ދެވޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެ އާންމު ޖަލްސާ ބާއްވަން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރިން އީސީއަށް އަންގަންވާނެއެވެ. އެ ކޮމިޝަނުން އެ ޖަލްސާ މޮނިޓާ ކުރާނެއެވެ. އޭގެ އިތުރުން އެ ޖަލްސާ ބާއްވާކަން އާންމުކޮށް އަންގާ ހުރިހާ މީޑިއާތަކަށް އިއުލާނު ކުރާން ޖެހޭނެއެވެ.

އެ ޖަލްސާގައި ޕާޓީ ވަގުތީ ގޮތުން ހިންގާނެ ފަރާތްތައް ނިންމައި ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރާނެއެވެ. އެއަށް ފަހު އެ ނިންމުންތައް ހުށަހެޅުމުން، އީސީއަށް ފެންނަ ނަމަ، ޕާޓީ ރެޖިސްޓްރީ ކުރާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީއާއި، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީ އާއި އަދާލަތު ޕާޓީއެވެ.