އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަކީ ހަރާމް ކަމެއް ކަމަށް ވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހުމީ ދެއްކެވި ވާހަކަފުޅުތަކަށް އަދާލަތުން ރައްދު ދީފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ފަހުމީ އަދާލަތަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ވާހަކަ ދައްކަވާފައިވާތީ އެކަމަށް އަދާލަތުން ރައްދު ދިނީ މިއަދު އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށް ނިންމި ނިންމުމަކީ ދީނީ ގޮތުން ހަރާމް ހަލާލު ބަޔާން ކުރަންޖެހޭ ނިންމުމެއް ކަމަށް އަދާލަތުން ޕާޓީން ނުދެކޭ ކަމަށާއި ހުއްދަ ނެތި އާއްމު ތަނެއްގައި އެފަދަ ބޮޑު ފަތުވާއެއް އަލްހާނަށް ދެއްވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ދީނީ ގޮތުން ހަރާމް ހަލާލު ބަޔާން ކުރުމަކީ ދީނުގެ އެންމެ ބޮޑެތި އިލްމުވެރިން ދެއްވާ އެންމެ ބޮޑެތި ފަތުވާ ކަމުގައިވާއިރު ހުއްދަ ނެތި އެފަދަ ފަތުވާއެއް އާއްމުތަނެއްގައި އަލްހާން މިހާރު ހުންނެވި ފަދަ މަގާމެއްގައި ހުންނަވައިގެން އެގޮތަށް ވާހަކަފުޅު ދެއްކެވުމަކީ އެއްގޮތަކަށް ވެސް ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަން ކުރެއްވުމުގެ ސަބަބުން އާއްމުންގެ ތެރޭގައި އަލްހާންގެ އަގު ވެއްޓިގެންދާނެ ކަމަށް ވެސް އަދާލަތުން ދެކޭ ކަމަށެވެ.

"ދީނީ އެއްބައިވަންތަ ކަމާ ބެހޭ ޤާނޫނުގެ ދަށުން އެކަމަކީ ޤާނޫނީ ގޮތުން ބޮޑު ކުށެއް. އެކަމަކީ އަލްހާނުގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމެއް، ނަމަވެސް އެކަމާ ގޮތެއް ނިންމާނީ ޕަބްލިކުން،" އިމްރާން ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމާ ބެހޭ ގަވާއިދުގެ ދެވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ދިވެހި ރާއްޖޭގައި ދީނީ ތަގްރީރުކޮށް، އާއްމުކޮށް ދީނުގެ ހުކުމްތައް ބަޔާންކުރެވޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެދެއާޒުން ހުއްދަދީފައިވާ މީހުންނަށް ކަމަށެވެ.

ޝޭހު ވިދާޅުވީ އެމްޑީޕީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވާން ނިންމި ނިންމުން އެއީ އެއްގޮތަކަށް ވެސް ދީނީ މައްސަލައެއްގެ ގޮތުގައި ހުކުމް ބަޔާން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަކީ އެމްޑީޕީއާއެކު އަދާލަތު ޕާޓީން ސިޔާސީ ގޮތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ނުދާތީ ދުސްތޫރީ ހަމަތަކުގެ މަތިން އަދާލަތު ޕާޓީން ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އަދާލަތު ޕާޓީ އެމްޑީޕީއާ ވަކިވުމަކީ ސިޔާސީ، ޝަރުއީ އަދި ދީނީ އަސްލެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަމަކީ އެމްޑީޕީގެ ބޮލުގައި ބަދުނާމެއް އެޅުވުމުގެ ބޭނުމުގައި އަދާލަތު ޕާޓީން ކުރި ކަމެއް ކަމަށް އަލްހާން ވަނީ ތުހުމަތު ކުރައްވާފަ އެވެ.