19:00


ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އެގައުމުގެ ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ނައޮޓޯ ކާން ހޮވިވަޑައިގެންފި އެވެ.


ޖަޕާނުގެ ބޮޑުވަޒީރުކަމުން ބުދަ ދުވަހު އިސްތިއުފާ ދެއްވި ޔުކިއޯ ހަޓޮޔާމާގެ ނައިބުކަމުގައި ވެސް ހުންނެވި ކާން އެގައުމުގެ އާ ބޮޑުވަޒީރަށް ވެވަޑައިގެންނެވީ ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާ އެކުގަ އެވެ. ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ވޯޓުލުމުގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 290 މެންބަރުންގެ ވޯޓު ކާން އަށް ލިބިވަޑައިގެންނެވިއިރު އޭނާ އާއެކު މަގާމަށް ވާދަކުރެއްވި ޝިންޖީ ޓަރުޓޯކޯ އަށް ލިބިވަޑައިގެންނެވީ 129 ވޯޓެވެ. އަދި މިވޯޓަށް ފަހު މިއަދުން ފެށިގެން ޖަޕާނުގެ ބޮޑުވަޒީރަކީ ނައޮޓޯ ކާން ކަމަށް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.


މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކާން ވިދާޅުވެފައިވަނީ ގައުމު ހިންގުމުގައި އެކި އެކި ލީޑަރުންނަށް ވެވިފައިވާ އިހުމާލުގެ ސަބަބުން ގައުމު ދަރަނިވެރިވެ ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ކަމަށާއި އެހެންކަމުން އޭނާގެ އެންމެ އިސް އެއްވާޖިބަކީ ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެގައުމުގެ ބައިނަލް އަގުވާމީ ގުޅުންތައް ރަނގަޅު ކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އަދި ޚާއްސަކޮށް އެމެރިކާ އާއި ޖަޕާނާ ދެމެދު އޮތް ގުޅުން އަލުން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ކާން ވިދާޅުވި އެވެ.


އޮކިނާވާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް އެތަނުން ބޭރުކުރުމުގެ މައްސަލައެއްގައި ޔުކިއޯ ހަޓޮޔާމާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ކާން ވެވަޑައިގެންފައިވަނީ 2006 ވަނަ އަހަރުގެ ފަހުން އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާ ފަސްވަނަ ބޭފުޅާ އަށެވެ.