ރާއްޖެ އިން ހޮންކޮންގަށް އެތެރެ ކުރަން އުޅު އެއް މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައި ގަނެެ، އެ ގައުމުގެ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

"ސައުތު ޗައިނާ މޯނިންގް ޕޯސްޓް" ނޫހުގައި ބުނެފައިވާ ގޮތުން، އެ މައްސަލާގައި ހައްޔަރު ކުރީ 21 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން، 21 އަހަރުގެ އަންހެނެކެވެ. އަދި އެ ނޫހުގައިވާ ގޮތުން އެމީހުން ހޮންކޮންގް އެއާޕޯޓުން އަތުލައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު ހެނދުނެވެ.

އަދި އެމީހުން އެ މަސްތުވާތަކެތި އެތެރެ ކުރީ، ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލަން ޓިކެޓު ދޭނެ ކަމަށް ބުނުމުން ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފަ އެވެ. އެގޮތުން، ރާއްޖެއަށް ރިޓާން ޓިކެޓާއި، ކެއުމާއި ހުރުމުގެ ހަރަދު ދޭން އެއްބަސްވި ކަމަށްވެ އެވެ.

ހޮންކޮންހުގެ ފުލުހުންނާ ހަވަލާދީ އެ ނޫހުގައި ބުނެފައި ހައްޔަރު ކުރި ތިން މީހުންގެ ބްރީފްކޭސްތަކުގެ ތެރެއިން 16 ކޮތަޅުގެ ކޮކެއިން ފެނިފައިވާ ކަމަށެވެ. އަދި އޭގެ ބަރުމިން ޖުމްލަ ހަތް ކިލޯއަށް އަރާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އޭގެ ޖުމްލަ އަގު އެއް މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ވަނީ ބުނެފަ އެވެ.

ފުލުހުންނާ ހަވާލާދީ އެ ނޫހުން އިތުރަށް ބުނެފައި ވަނީ ކްރިސްމަސް ދުވަސްވަރާ ދިމާކޮށް، ޒުވާނުންނަށް ބޮޑު ލާރިގަނޑުތައް ދީގެން މަސްތުވާތަކެތި އެތެރެ ކުރަން، މަސްތުވާތަކެތީގެ ވިޔަފާރު ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށަށް ހޮންކޮންގުގައި އޮންނަ އަދަބަކީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރީމާނާ އެކެވެ.