އިމާރާތް ކުރާ އިރު ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އިމާރާތުގެ ވަށައިގެން ސޭފްޓީ ނެޓު ޖެހުމަކީ ގާނޫނާއި ގަވާއިދު ލާޒިމު ކުރާ ކަމެކެވެ. އިމާރާތުގެ މަތިން ވެއްޓޭ ލަކުޑިބުރި ފަދަ ތަކެއްޗާއި ސިމެންތިން އަދި އެހެނިހެން ތަކެތިން މަގުމަތީން ހިނގާފައިދާ މީހާ ރައްކާތެރި ކޮށްދެނީ އެ ނެޓުތަކުންނެވެ. ނަމަވެސް، މިހާރު ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން ނެޓު ޖަހަމުން ދަނީ، ނެޓު ޖެހުމުގެ މަގުސަދު ގެއްލޭ ގޮތަށެވެ. އެއިން އެއްވެސް ރައްކާތެރި ކަމެއް ރައްޔިތު މީހާއަށް ނުލިބޭ ގޮތަށެވެ. ގަވާއިދާއި މުޅީން ހިލާފަށެވެ.

ގަވާއިދުގައިވާ ގޮތް!

މާލޭ ޕްލޭނިން ގަވާއިދަކީ، މާލޭގައި އިމާރާތް ކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އެންމެހާ މިންގަނޑުތައް ބަޔާން ކުރާ ގަވާއިދެވެ. އިމާރާތް ކުރުމުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައި އޮވެ އެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ މާލޭގައި އިމާރާތް ކުރަން ވާނީ، ވަށައިގެން ހުރި ގޭގެ އާއި ތަންތަނުގެ ފުރާޅަށާއި ގޯތިތެރެ އަށާއި މަގަށް ނުވަތަ ގޯޅިއަށް ސިމެންތި އާއި އެހެނިހެން ތަކެތި ނުފައިބާނޭ ފަދައިން ރަށްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

އެ ގަވާއިދުގެ ތިންވަނަ ބައިގެ 1.2 ވަނަ ނަމްބަރުގައި ބުނެފައި ވަނީ، ބިމުން ފެށިގެން ތިން މީޓަރަށް ވުރެ އުސް ތަނެއްގައި އިމާރާތެއްގެ މަސައްކަތް ކުރާ ނަމަ، އެ އިމާރާތާ އިން ވެގެން އޮންނަ މަގު ނުވަތަ ގޯޅިއާވީ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގައި ޖެހެން އޮތް އެންމެ ތިރިމިނަކާ ހަމައަށް ސޭފްޓީ ނެޓު ޖަހަން ވާނެ ކަމަށެވެ. އަދި މަގު ނުވަތަ ގޯޅިއާވީ ފަރާތުގައި، ޖަހާ ބިއްގަނޑުން ފެށިގެން މައްޗަށް އިމާރާތުގެ މަސައްކަތް ކުރާ އުސްމިނާ ހަމައަށް ސޭފްޓީ ނެޓު ޖަަހަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި އޮވެ އެވެ.

މާލޭގައި އަޅަމުންދާ އިމާރާތެއްގައި ސޭފްޓީ ނެޓު ޖަހާފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ގަވާއިދުގެ ތިން ވަނަ ބައިގެ 1.3 ގައި ބުނެފައި ވަނީ، އިމާރާތް ކުރާ އިރު ޖަހާ ސޭފްޓީ ނެޓަކީއެކަށީގެންވާ ވަރުގަދަ އެއްޗަކަށް ވާން ޖެހޭނެކަމަށެވެ. އަދި އެ ދާ ޖަހާފައި ހުންނާން ވާނީއިމާރާތަށް ރަނގަޅަށް ހަރު ކުރެވި، ފްރޭމެއް ހަދައި، އެ ފްރޭމުގައި ދާ ހަރުކޮށް،ދާ ވަޔާ ނެއްޓިގެން ނުދާނޭ ވަރަށް ވާންކޮށްކަމަށެވެ.

އެއާ ހިލާފަށް، ސަލާމަތީ ފިޔަވަޅު ނާޅައި މަސައްކަތް ކުރާ ނަމަ، އެ މަސައްކަތް ހުއްޓުވުމުގެ ބާރު ކަމާ ބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި އޮވެ އެވެ. އަދި އެ މަސައްކަތް ކުރާ ގޭގެ ވެރިފަރާތް ނުވަތަ މަސައްކަތް ކުރާ ފަރާތް ކުރި ކުށެއްގެ ކުޑަ ބޮޑު މިނަށް ބަލައި 5،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރީމާނާ ކުރެވޭނެ ކަމަށް އޮވެ އެވެ. އަދި އެތަނެއްގައި އަލުން މަސައްކަތް ފެއްޓޭނީ ޖޫރީމާނާ ފައިސާ ދައްކައި އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅު އެޅުމުން ކަމަށް އޮވެ އެވެ.

ބޭނުން ކުރަނީ ސޭފްޓީ ނެޓެއް ނޫން!

ސޭފްޓީ ނެޓުތަކުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ބްރޭންޑުތައް ހުރެ އެވެ. އަދި އެ ނެޓުތައް ރާއްޖޭގެ ކުންފުނިތަކުން ބޭނުން ކުރެ އެވެ. އެހެން ނަމަވެސް، ހަރަދު ކުޑަ ކުރުމުގެ ގޮތުން ވަރުގަދަ ސޭފްޓީ ނެޓުގެ ބަދަލުގައި ގިނަ ކުންފުނިތަކުން ބޭނުން ކުރަނީ، އެއްވެސް ވަރަށް ހިމާޔަތެއް ފޯރުކޮށް ދެވޭނެ ވަރުގެ ނެޓެއް ނޫނެވެ.

މާލޭގައި އަޅަމުންދާ އިމާރާތެއް: ބައެއް އިމާރާާތްތަކުގައި ބޭނުން ކުރަނީ ސޭފްޓީ ނެޓުގެ ބަދަލުގައި ޝޭޑް ނެޓު -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގެ އިސް ވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވީ، ރާއްޖޭގެ ބައެއް ކުންފުނިތަކުން އިމާރާތް ކުރާ އިރު ބޭނުން ކުރަނީ، އިމާރާތް ކުރުމުގެ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ، ދަނޑުވެރި ކަމަށް ބޭނުން ކުރާ "ޝޭޑް ނެޓް" ކަމަށެވެ. އަދި އެ ނެޓުތަކަކީ އެއްވެސް ވަރަކަށް ތިރިން ދާ މީހުންނަށް ހިމާޔަތް ދެވޭނޭ ވަރުގެ ވަރުގަދަ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ގިނަ ތަންތަނުގައި ދަމާފައި ހުންނާނީ ދަނޑުވެރިކަމަށް ބޭނުން ކުރާ ދާ. ދަނޑުވެރިކަމަށް ބޭނުން ކުރާ ދަލަކީ ގަސްތަކަށް އަވި ޕްރޮޓެކްޝަނަށް ޖަހާފައި ހުންނަ އެއްޗެއް. މިހާރު ރާއްޖޭގެ އިންޑަސްޓްރީގައި މި އުޅޭ އެންމެން، އެ އަގުހެޔޮ ވީމާ މުޅިން އެ ދާ ދަމާފައި މި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސޭފްޓީ ނެޓުގެ ނަމުގައި ޝޭޑް ނެޓު ދަމާފައި ހުރުމުން އެކަމުގެ ނުރައްކާ ކުރިމަތި ވަނީ އާންމު ރައްޔިތުންނަށް ކަމަށެވެ.

"އަޅުގަނޑުމެން ބުނާނީ އަޅުގަނޑުމެންގެ އިންޑަސްޓްރީގައި އުޅޭ މީހުންގެ ވަރަށް ބޮޑު އިހުމާލެކޭ އެއީ. ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް އިންނަން ޖެހޭނެ އެހެން ނޫންތޯ،"

އޭނާ ވިދާޅުވީ ސަރުކާރުން ގިނަ ގަވާއިދުތަކެއް ހެދުމުގެ ބަދަލުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކުން އެއީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ސަލާމަތީ ފިޔަވަޅުތައް އެޅުމުން އެފަދަ މައްސަލަތައް ހައްލުވާނެ ކަމަށެވެ.

މާލޭގައި އަޅަމުންދާ އިމާރާތެއް: ބައެއް އިމާރާާތްތަކުގައި ބޭނުން ކުރަނީ ސޭފްޓީ ނެޓުގެ ބަދަލުގައި ޝޭޑް ނެޓު -- ސަން ފޮޓޯ: ފަޔާޒް މޫސާ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ނާއިބު ރައީސް އަދުނާން ހަލީމް ވެސް "ސަން" އަށް ވިދާޅުވީ، ފަހަކަށް އައިސް މާލޭގައި އިމާރާތް ކުރާ އިރު ބޭނުން ކުރަމުން ދަނީ، ޝޭޑް ނެޓު ކަމަށެވެ.

"ދަލުގެ މައްސަލަ އެބަ އުޅޭ. މިހާރު ބެލީމާ އެނގިއްޖެ، ދަމައިގެން މި އުޅެނީ ގޯސް ދަލެއްކަން. މާލޭގައި މިހާރު ގިނައިން ބޭނުން ކުރަނީ، އަގުހެޔޮ ކުރަން ވެގެން ބާޒާރުގައި ވިއްކަން ހުންނަ އެގްރިކަލްޗަރަލް ގްރީން ހައުސް ހަދަން ވެގެން ޝޭޑު އަޅުވަން ދަމާ ދާ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަން ފާހަގަ ކުރެވުނީ މިހާރު ޕްލޭނިން މިނިސްޓްރީ އިން ކޮންސްޓްރަކްޝަން ސައިޓުތައް މޮނިޓާ ކުރުމުންދާ ދިޔުމުގެ ތެރެއިން ކަމަށެވެ.

ޝޭޑް ނެޓަކީ މާލޭ ޕްލޭނިން ގަވާއިދުގެ ތިންވަނަ ބައިގެ 1.3 ވަނަ ނަމްބަރުގައި ބުނާ ފަދަ އެކަށީގެންވާ ވަރުގަދަ ނެޓެއް ނޫނެވެ. އެ ނެޓު ބޭނުން ކުރުމުގެ ފުރުސަތު ދީފައި އޮންނަނީ ކީއްވެބާ އެވެ؟

ކުންފުނިތައް ބޭނުން ގޮތަކަށް ކަން ކުރަން ދޫވެފައި؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފެށުނު އިރު މާލޭގެ އިމާރާތް ކުރުމުގެ މަސައްކަތްތައް ބަލަހައްޓަމުން ދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް، އެ ސަރުކާރުގައި ފަހުން ވަނީ ސިޓީ ކައުންސިލުގެ އަތުން އެ ޒިންމާ ނަގައި ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ސަން"އަށް ވިދާޅުވީ، ކޮންސްޓްރަކްޝަން ކުންފުނިތަކަށް އެކަށީގެންވާ ސަލާމަތީ ފިޔަވަޅު ނާޅައި މަސައްކަތް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބުނީ، ކުރިން ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުތައް ހައުސިން މިނިސްޓްރީން ނެގުމުން ކަމަށެވެ.

"މިވީހާތަނަށް މަސައްކަތް ބޮއްސުންލާފައި މި އޮތީ އަޅުގަނޑު ދަންނަވާނީ، ސިޓީ ކައުންސިލުން ކުރަމުން ދިޔަ، ބެލެހެއްޓުމުގެ ކަންތައްތައް...ބޮއްސުންލާފައި މި އޮތީ، ޔާމީން ސަރުކާރުގައި ވަކި ހިސާބަކުން [އެ ޒިންމާ] ނަންގަވައި ހައުސިން މިނިސްޓްރިއާ އެކަން ހަވާލު ކުރުމުން،"

މާލޭގައި އަޅަމުންދާ އިމާރާތެއް: ބައެއް އިމާރާާތްތަކުގައި އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅު އަޅާފައި ނުހުރޭ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުރިން ސިޓީ ކައުންސިލަށް ބާރު ދޫކޮށްފައި އޮތް އިރު ކޮންސްޓްރަކްޝަން ސައިޓުތައް ބެލުން ފަދަ ކަންތައްތައް ކުރަން އިންސްޕެކްޓަރުން ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭރު އެމީހުންގެ މަސައްކަތް ރަނގަޅަށް ކުރެވެމުން ދިޔަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ކައުންސިލުތަކުން ބާރު ނެގި ފަހުން އެ މަސައްކަތް ނުކުރާ ކަމަށާއި އިންސްޕެކްޓަރުންގެ މަގާމު ވެސް މިހާރު ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަލާމަތީ ފިޔަވަޅު އެކަށީގެންވާ ވަރަށް އަޅާފައި ނެތީ، ގާނޫނުތައް ހެދުމަށް ފަހު އެ ގާނޫނުތައް ތަންފީޒު ކުރަން ޖެެހޭ ފަރާތްތަކުން އެ ގާނޫނުތައް ތަންފީޒު ނުކޮށް އޮތުމުން ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު، ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިހުމާލުން، ތުއްތު ފުރާނައެއް ވަނީ ދުނިޔެއާ އަލްވަދާއު ކިޔައިފަ އެވެ. އެ ހިތާމަވެރި ހާދިސާއާ އަށް ފަހު އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭން ޕްލޭނިން މިނިސްޓްރީ އިން ދަނީ ހާއްސަ އިންސްޕެކްޝަންތަކެއް މާލޭގައި ހިންގަމުންނެވެ.

ޕްލޭނިން މިިނިސްޓްރީ އިން ބުނީ އިއްޔެގެ ނިޔަލަށް 102 ސައިޓެއް އިންސްޕެކްޓުކޮށް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ސަލާމަތީ ކަންކަން ކަށަވަރުކޮށްފައި ވަނީ އެންމެ 25 ސައިޓުގަ އެވެ. ހަތްދިހަ ސައިޓެއްގައި އެންމެ ފުރިހަމައަށް ފިޔަވަޅު އެޅިފައި ނުވާ އިރު ހަތް ސައިޓެއްގައި އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް މިިނިސްޓްރީ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެ ތަފާސް ހިސާބުތަކުން އެކަނި ވެސް މާލޭގައި މިހާރު ހާލަތު ބޮއްސުންލާފައި އޮތް މިންވަރު ހާމަވެ އެވެ.

އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅު އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ކަމަކަށް ކަމެއް ކުރާ އުސޫލުން ސަލާމަތީ ފިޔަވަޅުތައް އަޅުމުގެ ހިތި ނަތީޖާ ދިވެހި ރައްޔިތުން ދެކެފި އެވެ. އެކަމުގެ ސަބަބުން ދެމަފިރިއެއްގެ ތުއްތު ކުއްޖަކު ދުނިޔެއާ އަލްވަދާއު ކިޔަން ޖެހިއްޖެ އެވެ. އެހެން ކަމުން، އެފަދަ އެހެން ހާދިސާއެއް ހިނގުމުގެ ކުރިން ކޮންސްޓްރަކްޝަން ކުންފުނިތައް އިތުރަށް ޒިންމާދާރު ކުރުވުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.