19 Dec 2018, 14:05
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އުފެއްދެވި ކޮމިޝަނަށް ބަރުދޭ، ގާނޫނާ ނުލާ ވެސް އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑަރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލި ރިޔާސީ ދެ ކޮމިޝަނަށް ބާރުދިނުމަށް މަޖިލިހަށް ހުށަހަޅާފައިވާ ދެ ބިލް ކޮމިޓީ މަރުހަލާ ނިމި، މަޖިލީހުގެ ތަޅުމަށް ވޯޓަށް އެހުމަށް މިދިޔަ ހޮނިހިރު ދުވަހު ތާވަލު ކުރި ނަމަވެސް ކޯރަމް ހަމަ ނުވުމުގެ ސަބަބުން ބިލް ފާހެއް ނުވި އެވެ. އަދި މަޖިލީސް ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ.
ގާނޫނީ ވަކީލު ސުއޫދު މިއަދު "ސަން" އަށް ވިދާޅުވީ، އެ ގާނޫނާ ނުލާ ވެސް ކޮމިޝަންގެ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށާއި ނަމަވެސް ބިލް ފާސްނުވުމުން ކޮމިޝަންގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އަންނާނެ ކަމަށެވެ.
"ކޮމިޝަންގެ މަސައްކަތް ނުކުރެވޭ ވަރަށް ބަލިކަށްޓެއް ނުވާނެ. [ބިލް ފާސް ނުވުމުން] މައްސަލަތައް ބެލުމުގައި ލަސްތަކެއް ވެދާނެ. ނަމަވެސް މަސައްކަތް ކުރެވޭނެ،" ސުއޫދު ވިދާޅުވި އެވެ.
ތިން މަސްތެރޭ މިހާރު ބަލަން ކަނޑައަޅާފައިވާ މައްސަލަތައް ނިންމާލެވޭނެ!
ސުއޫދު ވިދާޅުވީ، މިހާރު ބަލަން ކަނޑައަޅާފައިވާ މައްސަލަތައް ތިން މަހެއްހާ ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށާއި އެ މައްސަލަތައް އަންނަ ހަފްތާ ތެރޭ އާންމު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ [މިހާރު ބަލަން ކަނޑައަޅާފައިވާ މައްސަލަތައް] ތިން މަސް ތެރޭ ބަލައި ނިންމޭނޭ ކަމަށް،" ކިހާދުވަހެއްގެ ތެރޭ މައްސަލަތައް ނިމޭނެތޯ ސުވާލުކުރުމުން ސުއޫދު ވިދާޅުވި އެވެ.
ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަންގެ މަސައްކަތްތައް އެކޮށް ދެ އަހަރެއްހާ ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށެވެ.
ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޝަނުން ބުނެފައި ވަނީ ހުރިހާ މައްސަލައެއް ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް -- ސަން ފޮޓޯ
ސުއޫދު އިތުރަށް ވިދާޅުވީ، މިހާރު ވެސް މައްސަލަތައް ބަލަން ފަށާފައިވާ ކަމަށާއި މައްސަލަ ބެލުމުގައި ފުލުހުން މެދުވެރިކޮށް ބޭރުގެ އެހީ ވެސް ލިބިގެންދާ ކަމަށެވެ.
އެ ކޮމިޝަނުން ބަލަން ނިންމައިފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކެވެ.
ކޮމިޝަނުން ވަނީ މިދިޔަ މަހު 26 އިން ފެށިގެން މިމަހު 26ގެ ނިޔަލަށް އާންމުނަށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.