ކުރީގެ ރައީސް އަބްދުﷲ ޔާމިން ގެ އެކައުންޓަށް ޕްރައިވެޓް ކުންފުންޏަކުން އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހަސް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އަމިއްލަ ޕްރައިވެޓް ކުންފުންޏަކުން އެއް މިލިޔަން ޑޮލަރު ޖަމާކުރި އިރު، ކުންފުނީގެ އެކައުންޓަށް ޖަމާވެފައި ހުރީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށެވެ.

އޭސީސީ ބަޔާނުގައި ބުނެފައި ވަނީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އެ މަނިކުފާނުގެ އެކައުންޓަކަށް އަމިއްލަ ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައިވާ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު އޮކްޓޯބަރު، 13 ވަނަ ދުވަހު، 500،000 ޑޮލަރު ޖަމާކުރުމަށް ފަހު، އޭގެ ތިން ދުވަސް ފަހުން، އަނެއްކާ ވެސް 500،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ބަޔާނުގައި އަމިއްލަ ކުންފުނީގެ ނަން ހާމަކޮށްފައި ނެތް ނަމަވެސް ބެލެވޭ ގޮތުގައި އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި، އެސްއޯއެފް ކުންފުންޏެވެ.

ފައިސާ ޖަމާކޮށްފައިވަނީ އެސްއޯއެފްގެ ކޮމްޕެނީ ސެކެޓްރީ!

އެފައިސާތައް ޖަމާކޮށްފައި ވަނީ އެސްއޯއެފް ކޮމްޕެނީ ސެކެޓްރީ ކަމަށް އެ ބަޔާނުން ހާމަވެއެވެ. ނަމަވެސް އެ ބޭފުޅެއްގެ ނަމެއް ހާމަ ކޮށްފައިނުވެ އެވެ.

އޭސީސީން ބުނި ގޮތުގައި މިހާތަނަށް އައިއިރު، އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވެނީ ރާއްޖޭން ބޭރުގައި ތިބީމަ އެވެ. ތަހުގީގު ފުރިހަމަ ކުރުމަށް އެ މީހުންގެ ބަސް ހޯދަން ޖެހޭތީ، އެމީހުން އޭސީސީ އަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައިވެ އެވެ.

ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާއި ގުޅިގެން ހޯދަން އިއުލާންކޮށް، އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ މީހުންގެ ތެރެއިން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ މައި ހިއްސާރު، މުހައްމަދު އައްލާމް ލަތީފް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.

ހަތަރު ހިއްސާދާރުންގެ މައްޗަށް އެކުލެވޭ އެ ކުންފުނީގައި އައްލާމްގެ އިތުރުން ތިބި ހިއްސާދާރުންނަކީ މ. ބޯއްޑޫ، މުހައްމަދު ރިޔާޒާއި ގދ. ތިނަދޫ ބެންހާގޭ ޝަހީދާ އަބްދުﷲ އެވެ.

މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރު، އޭސީސީގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި، މިދިޔަ ޖޫން 10 ވަނަ ދުވަހު އެ ފައިސާތައް އޭސީސީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އޭސީސީންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅޭ އިތުރު ކަންތައްތަކެއް އޭސީސީން ކުރި ތަހުގީގުން ފާހަގަ ކުރެވިފައި ވާތީ އެކަން ޕޮލިހަށް ހުށަހެޅީ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ޔާމިންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލާގައި އެމަނިކުފާނު މީގެ ކުރިން ބުނެފައި ވަނީ އެއީ އެމަނިކުފާނު ކުށްވެރިވާ ކަމެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް އެހެން އެކައުންޓުތަކަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ. އަދި އެ ޖަމާވި ފައީސާ ބޭނުންކޮށްފައި ވެސް ނުވާނެކަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.