އަންނަ އަހަރަކީ ވެސް ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް އަންނާނެ އަހަރަކަށް ވާނެއެވެ. ގިނަ ޑައިރެކްޓަރުން ތަކެއްގެ ތަފާތު ފިލްމު ތަކެއް މިހާރުވެސް އޮތީ ތާރީހްތައް ކަނޑައަޅައި ތާވަލްކޮށްފައެވެ.

އަންނަ އަހަރުގެ އޯގަސްޓު މަހުގެ ފަނަރަ ވަނަ ދުވަހަށް 4 ފިލްމެއް ތާވަލްކޮށްފިއެވެ. ވަރުގަދަ ހަތަރު ފިލްމެކެވެ. ކުޅަދާނަ ޑައިރެކްޓަރުން ތަކެއްގެ ފިލްމުތަކެވެ. ވާދަވެރިކަމެއް އުފެދޭނެ ކަން ޔަގީނެވެ.

އެ ފިލްމު ތަކަކީ، "ބަތުލާ ހައުސް"، "މިޝަން މަންގަލް"، "ސާހޯ" އަދި "މޭޑް އިން ޗައިނާ" އެވެ.

"ބަތުލާ ހައުސް" ގެ ޑައިރެކްޓަރ ނިކިލް އަދްވާނީ އާއި ލީޑު ދެތަރިން ކަމަށްވާ ޖޯން އަދި މަރްނާލް...

"ބަތުލާ ހައުސް" އަކީ ނިކިލް އަދްވާނީ ޑައިރެކްޓްކުރާ ފިލްމެކެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި މުރްނާލް ތާކޫރް އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން "ދިލްބަރް" ލަވައިން މަޝްހޫރުކަން ހޯދި ނޯރާ ފަތެހީ ފެންނާނެއެވެ.

އެފިލްމު ބިނާކޮށްފައިވަނީ ހަގީގީ ހާދިސާއެއްކަމަށްވާ ބަތުލާ ހައުސް އެންކައުންޓާ ނުވަތަ އޮޕަރޭޝަން ބަތުލާ ހައުސްގެ މައްޗަށެވެ. އެ ހާދިސާ އަކީ 2008 ވަނަ އަހަރު ހިނގާދިޔަ ހާދިސާއެކެވެ. "ބަތުލާ ހައުސް" ގައި ޖޯން ފެނިގެންދާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) ސަންޖީވް ކުމާރް ޔާދަވްގެ ރޯލުންނެވެ.

ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، މިކިލް މުސާލޭ ޑައިރެކްޓްކޮށްފައިވާ "މޭޑް އިން ޗައިނާ" އަކީ ވެސް ތަފާތު ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. އެ ފިލްމަކީ މަޝްހޫރު ވިޔަފާރިވެރި އެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެކެވެ.

"މޭޑް އިން ޗައިނާ" ގެ ލީޑު ދެތަރިން....

އަބޫދާބީ އާއި ޗައިނާ ގައިވެސް މަންޒަަރުތައް ނަގަން ނިންމާފައިވާ "މޭޑް އިން ޗައިނާ" ގެ ލީޑު ރޯލުން ފެންނާނީ ރާޖްކުމާރު ރޯއީ އާއި މޯނީ ރޯއީ އެވެ.

"ސާހޯ" އަކީ ސުޖީތުގެ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓު ކުރާ ފިލްމެކެވެ. ހިންދީ، ތެލުގޫ އަދި ޓެމިލް ބަހުން ފިލްމު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފިލްމުގައި ލީޑު ރޯލުން ފެންނާނީ ޝްރައްދާ ކަޕޫރެވެ. އަދި ލީޑު ބަތަލެއްގެ ރޯލު ޕްރަބާސް ފެންނާނެއިރު އެ ފިލްމުން ނީލް ނިތިން މުކޭޝް ވެސް ފެންނާނެއެޗެ.

"ސާހޯ" ގައި ޝްރައްދާ ފެންނާނީ ޑަބަލް ރޯލަކުންނެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގައި ޝްރައްދާ ފެނިގެން ދާނީ މަޑުމައިތިރި މީހެއްގެ އިތުރުން ސްޓަންޓް ޖައްސާ މީހެއްގެ ރޯލުންނެވެ. ދެ ރޯލަކީ ވެސް މުހިންމު ދެ ރޯލެވެ.

"ސާހޯ" ގެ ލީޑު ދެތަރިން...

އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމު، "މިޝަން މަންގަލް'' އަކީ ޖަގަން ޝަކްތީ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެންނާނީ އަކްޝޭ ކުމާރާއި ކްރިތީ ކުޅާރީ، ތާޕްސީ ޕަންނޫ، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ޝަރްމަން ޖޯޝީ އަދި ނިތިޔާ މެނަން ފަދަ ތަރިންނެވެ.

އިންޑިއަން ސްޕޭސް ރީސާޗް އޮގަނައިޒޭޝަނުން މާސް މިޝަން ލޯންޗުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހުއެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާ އިން ވަނީ މާސް އަށް ކާމިޔާބު ދަތުރެއް ކޮށްފައެވެ.

ކުޅަދާނަ އެކްޓަރުންތަކެއް ލީޑު ރޯލުތަކަށް ލައިގެން ހަދާ ފިލްމު ތަކެއް އެއް ދުވަހެއްގައި ސިނަމާތަކަށް ގެނައުމުން ބޮލީވުޑް ވިޔަފާރީގައި ވާދަވެރިކަމެއް އުފެދޭނެ ކަން ކަށަވަރެވެ.