ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އަދި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފިއެވެ.

ދެމީހުން ގުޅިގެން އުޅޭކަމަށް ބެލެވެން ފެށީ މިއަހަރުގެ ކުރީކޮޅު ދެމީހުން އެކުގައި ވަގުތު ހޭދަކޮށް ސޯޝަލް މީޑިއާ ޕޯސްޓްތައް ކުރަން ފެށުމުންނެވެ.

އެ ގުޅުމަށް ދެމީހުން އެއްބަސްވީ ނޭހާ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން އަންނަ 'އިންޑިއަން އައިޑަލް'ގެ އެޕިސޯޑެއްގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

އެ ޝޯގައި ނޭހާ ވަނީ ހިމާންޝް އާއި ދެމީހުން ކައިވެނި ކުރުމުގެ ވިސްނުން ހުރި ކަމަށް ވެސް ހާމަކޮށްފައެވެ. ނަމަވެސް އޭގެ ތިން މަސް ފަހުން ދެމީހުން މިވަނީ ވަކިވެފައެވެ. އެކަކު އަނެކަކު ސޯޝަލް މީޑިއާއިން ފޮލޯކުރުން ހުއްޓާލާފައި ވާއިރު، އެކުގައި ލައިފައި ހުރި ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ ނަގައިފައެވެ.

ދެމީހުންގެ ދޭތެރޭގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ނަމަވެސް ނޭހާ ވަނީ އެ ގުޅުމަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިން ނަމަވެސް ބަދަލުގައި އެއްވެސް އެއްޗެއް ނުލިބުނު ކަމަށް ބުނެ އިންސްޓަގްރާމް ސްޓޯރީއެއް ލައިފައެވެ. އަދި ދުނިޔޭގައި ހީނުކުރާވަރުގެ ގޯސް މީހުން އުޅޭކަން ދަސްވެއްޖެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ހިމާންޝްގެ ވާހަކަ އެއްވެސް ވަރަކަށް ދައްކަން ނޭހާ މިހާރު ބޭނުމެއް ވެސް ނޫނެވެ.

އިންޑިއާ ނޫހަކުން ދެމީހުންގެ ގުޅުމާ ބެހޭގޮތުން ސުވާލު ކުރުމުން ނޭހާ ބުނީ ހިމާންޝް ކިޔާ މީހަކު ނުދަންނަ ކަމަށެވެ. އަދި އެ މައުޞޫއަށް އިތުރު ސުވާލު ނުކުރުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

"ކޮން ހިމާންޝް އެއް؟ ހިމާންޝް ކިޔާ މީހަކު ނުދަންނަން"، ނޭހާ ބުނެފައިވެއެވެ.