02 Oct 2011, 12:50
ދެ ލަނޑު އެއް ލަނޑުން ވެލެންސިއާ ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ރޭ މާޒިޔާ ދަތުރު ކުރުމުން ކުލަބް ވެލެންސިއާއިން މަރުހަބާ ކިޔައިފިއެވެ.
ހުސްއަތާ މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލަން ޖެހުނު ވެލެންސިއާއިން މާޒިޔާއަށް މަރުހަބާކީ ރޭ ކުޅުނު މެޗަށްފަހު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖަރު އަބްދުﷲ ސިބާއު އެވެ.
ވެލެންސިއާ މެނޭޖަރު ސިބާ ބުނީ، މާޒިޔާއަކީ ބަލި ޓީމެއް ނޫން ކަމަށާއި އެޓީމުން އެހޯދި ފުރިހަމަ ކާމިޔާބީއަށް ކުލަބްގެ މެނޭޖްމަންޓާއި އޮފިޝަލުން އަދި ކުޅުންތެރިންގެ ނަމުގައި މަރުހަބާ ކިޔާ ކަމަށެވެ. އަދި ވެލެންސިއާ ބަލިކޮށް މާޒިޔާ އެހޯދި ކާމިޔާބީއަކީ ފުރިހަމަ ކާމިޔާބީއެއް ކަމަށް ވެސް ސިބާ ބުންޏެވެ.
"މާޒިޔާ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔަން. މާޒިޔާގެ ކުޅުން ވަރަށް ފުރިހަމަ. މެޗްގައި މާޒިޔާ ދެއްކީ މޮޅު ކުޅުމެއް" ސިބާ ބުންޏެވެ.
ސިބާ ބުނީ، މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލަން ޖެހުނު ނަމަވެސް، ޓީމަށް މިއަހަރު ވަނީ ގިނަ ދަތިތަކާ ކުރިމަތި ލާންޖެހިފައި ކަމަށެވެ. އެހެންނަމަވެސް އެ ދަތިތަކުގެ ތަފްސީލް ސިބާ ދެއްވާފައި ނުވާއިރު، ވެލެންސިއާއަށް މިހަރު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ފައިސާގެ މައްސަލަކަން ބައެއް މީޑިއާ ތަކުގައި މީގެ ކުރިން ވެސް ވަނީ ސިފަ ކޮށްފައެވެ.
ނިމިގެން ދިޔަ ދިރާގު ދިވެހި ލީގުގެ ނަތީޖާއަށް ބެލުމަށް ފަހު، މިއަހަރުގެ ފުޓްބޯޅަ ސީޒަން ވެލެންސިއާއިން ނިންމާލަން ޖެހުނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރި އަށްޓީމު ނެރުނު ނަތީޖާއަށް ބެލުމަށް ފަހު، ހަ ވަނަ ލިބިގެންނެވެ.
ވެލެންސިއާ ބަލިކޮށް މިއަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރުގެ ސެމީއަށް މާޒިޔާ ދަތުރު ކޮށްފައި މިވަނީ ފާއިތުވި ހަ އަހަރަށް ފަހު މުޅިން އަލަށެވެ.