19 Dec 2018, 00:18
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްއާއެކު އަވަށްޓެރި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖަޕާނަށް ފުރާވަޑައިގެންފިއެވެ.
ރައީސް ސޯލިހްއާއެކު މި ތިން މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންވި ދަތުރުފުޅަށް ފުރާވަޑައިގަތީ މިމަހު 16 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަށް ފަހު ރައީސް ސޯލިހް ވަނީ މިރޭ ރާއްޖެ ވަޑައިގެންފައެވެ.
ފޮރިން މިނިސްތަރު ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަޕާން ސަރުކާރުގެ އިސްފަރާތްތަކާއެކު މަޝަވަރާކުރެއްވުމަށް މިރޭ ނިއުދިއްލީ އިން ޖަޕާންގެ ވެރިރަށް ޓޯކިޔޯއަށް ފުރާވަޑައިގެންނެވި ކަމަށެވެ.
After accompanying President@ibusolihon his State Visit to India, leaving Delhi with Minister of Economic Development Hon.@faya_iand Minister of Finance Hon. Ameer to Tokyo to hold discussions with senior Japanese Government Officials.
— Abdulla Shahid ???? (@abdulla_shahid)December 18, 2018
ޖަޕާނަށް ކުރައްވާ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ޝާހިދު ނުދެއްވައެވެ.
އިންޑިއާ ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ޝާހިދު މިއަދު ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ދަތުރަފުޅަކީ އެހެން ގައުމުތަކާ އެކު ހަރުދަނާ ގުޅުންތަކެއް ބިނާ ކުރުމުގެ ބިންގާ އެޅިގެންދިޔަ ދަތުރެއް ކަމަށެވެ. ރާއްޖެ، އެއް ގައުމު އަނެއް ގައުމާ ދޭތެރޭގައި ޖައްސުވަން މަސައްކަތް ކުރާ ބަޔަކަށް ނުވާނެކަމަށާއި ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެއަކީ އިތުބާރާއި ގަދަރު ލިބިގެންވާ ބަޔަކަށް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު މިހާތަނަށް ބޭރުގެ ދެ ގައުމަކަށް ވަޑައިގެންނެވި. އެއީ އިންޑިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު ދެ ފަހަރަށް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.