ވާހަކަ ލިޔުންތެރިޔާ މުތައްހަރް އިބްރާހީމް (މުތާ)ގެ އެދި އެދި ހޯދީމޭ" އާއި "ރުހޭތޯ ކަލާ" އަކީ މީގެ ކުރިން "ސަން" ގައި ކިޔުންތެރީންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބުނު ވާހަކަ ތަކެކެވެ. އޭނާގެ ވާހަކަތަކަށް ލޯބިކުރާ އެތައް ކިޔުންތެރިންނެއް ތިބެއެވެ.

އެންމެ ފަހުން "ސަން" އިން ޕަބްލިޝް ކުރީ މުތާގެ "ބާޒީ" ކިޔާ ވާހަކައެކެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ވާހަކަ ކިޔާ ކިޔުންތެރިންގެ ވެސް ހިތް އުފާ ކޮށްދިނެވެ. ނަމަވެސް ވާހަކައިގެ ދިހަ ވަރަކަށް އެޕިސޯޑު ގެނެސްދިނުމަށްފަހު މުތާ އެ ވާހަކަ ލިޔުން މެދު ކަނޑާލީއެވެ. އެއާއެކު މުތާގެ ވާހަކައަށް ވީގޮތެއް ނޭނގި ގިނަ ބަޔަކު ތިބީ މާޔޫސް ކަމެއްގެ ތެރޭގައެވެ. އަދި މުތާގެ އާ ވާހަކައަކަށް އިންތިޒާރު ކުރާ ކަމަށް ވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ދެން މިއޮތީ އުފާވެރި ހަބަރެކެވެ. މާދަމާއިން ފެށިގެން މުތާގެ މުޅިން އާ އަދި ތަފާތު ވާހަކައެއް އަނެއްކާވެސް ޕަބްލިޝް ކުރަން ފަށާނެއެވެ. އަނެއްކާވެސް ކިޔުންތެރީންނަށް ކަމުދާނެ ރަހަ ތަކެއް އެކުލެވޭނެ ވާހަކަ އަކަށް ވާނެ ކަމުގެ ޔަގީން ކަން މުތާ ދެއެވެ. ކުރިޔަށް މިއޮތީ މުތާގެ "އިންދިރާސް" އެވެ.

ދެން މިހާހިސާބުން މި ލިޔެލަނީ މުތާގެ ކުރިޔަށް މިއޮތް "އިންދިރާސް" ވާހަކައިގެ ކުރު ހުލާސާއެކެވެ.

އިންދިރާސް

"މެދު ފަންތީގެ އާއިލާ އަކަށް އުފަން ޒޯހާ އަކީ އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާން އުމުރުފުރައިގެ އަންހެން ކުއްޖެކެވެ. މައިންބަފައިންގެ އިތުރުން ތިމާގެ މީހުންގެ ފުރިހަމަ ލޯތްބާއި އަޅާލުމުގެ ގުލްޝަނުގައި ފަރިވަމުން އައި ޒޯހާ އަކީ ދިމާވާ އަޑިގުޑަންތަކުން ވެސް އުފާވެރިކަން ހާސިލުކުރަން މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. "ބީ ޕޮޒިޓިވް" އެއީ ޒޯހާގެ ދިރިއުޅުމުގެ ޝިޔާރެވެ. ހިތާމަޔާއި މޮޅިވެރިކަމުގެ ހިލިހިލާތަކުގައި އަމިއްލަ ނަފްސު ހައްޔަރުވުމުގެ ފުރުސަތު ދޭން އޭނާ ދުވަހަކު ވެސް ބޭނުމެއް ނުވެއެވެ.

ހިނިތުންވުމަކީ ޒޯހާގެ ދިރިއުޅުމުގެ އެއްބަޔެވެ. އޭނާގެ އުފާވެރި މިޒާޖައި ހިތްހެޔޮކަމުން މީހުންގެ ލޯބި ހޯދުމަކީ ޒޯހާއަށް އުންގަދޫކަމެއް ނޫނެވެ. ކިޔެވުމަށް ވެސް އެހާމެ މޮޅު ޒޯހާ އަކީ އޭނަގެ މައިންބަފައިންގެ ހުރިހާ އުންމީދަކާއި ގުޅިފައިވާ ފަރާތެކެވެ.

ނަަމަވެސް ދިރިއުޅުމުގައި ކަންވެދާނެ ގޮތެއް އެއްވެސް އިންސާނަކަށް ވިސްނައެއް ނުލެވޭނެއެވެ. ކިތަންމެ އުޑުމަތި ރީތި ދުވަހެއްގައިވެސް ވިއްސާރަ ވިލާތައް ފާޅުވެ ތޫފާނަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. ހަޔާތުގެ ކުރު ރާސްތާގައި ތަފާތު އިމްތިހާންތަކާއި ވެސް ކުރިމަތިލާން ޖެހޭނެއެވެ. އެފަދައިން ޒޯހާއަށް އޭނާގެ އުފާވެރި ދިރިއުޅުމަށް ބޯމަތިކުރިވަމުން އައި ގަދަ ތޫފާނާއި ބިންދާލަން ތައްޔާރުވަމުން ދިޔަ އުސް ރާޅުތަކުގެ ހިލަމެއްވެސް ނުވިއެވެ. އެބިޔަރާޅުތަކުގައި ދަށުވެ އޭނަ ޢަރަގުވެ ހަޔާތުގެ ސަމުގާ ފުނޑުފުނޑުވެގެން ހިނގައިދާނެކަމެއް ރޭކާވެސް ނުލައެވެ. ބަދަލުހިފުމާއި، ލޭ އޮހޮރުވުމުގެ ދިގު ސިލްސިލާއެއްގައި ހިލިހިލާޖެހި އެކަމުގެ ގިލަންވެރިކަމުގައި ހަފުސްވެގެން ހިނގައިދާނެކަމެއް ވެސް މެއެވެ."

ވާހަކައިގެ ހުލާސާއިން ވެސް "އިންދިރާސް" އަށް ކުރެވޭ އިންތިޒާރު ބޮޑު ވާނެކަން ޔަގީނެވެ. މުޖުތަމައު ތެރޭގައި ހިނގާ ބޮޑެތި އިޖްތިމާއީ މައްސަލަތަކެއް ކިޔައިދޭނެ އެ ވާހަކަ އަކީ ތްރިލާއެކެވެ.

މުތާ ބުނާ ގޮތުގައި އެ ވާހަކައިން، ފައިސާއާއި މުދާވެރިކަމުގެ ދަހިވެތިކަމުގައި ހިންގާ ލޭ އޮހުރުވުންތަކާއި ޖަރީމާތަކުގެ އިތުރުން ބަދަލުހިފުމާއި، މީހުން މެރުމާއި، ކޮރަޕްޝަންގެ އިތުރުން ގެވެށި އަނިޔާއާއި އަދިވެސް ތަފާތު އެކި އެކި ހާދިސާތަކުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ.

އޭގެ އިތުރުން ގެވެށި އަނިޔާއާއި ކުޑަ ކުދިންނަށް ކުރާ އަނިޔާތަކުގެ ސަބަބުން ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކުގެ އިތުރުން މުޖުތަމުއުގައި އެކުދިން ބާކީ ވެގެން ދިޔުމުން ލިބޭ ހިތްދަތިކަމާއި ކެކުޅުންތައް ވެސް ވާހަކައިގައި ގެނެސްދޭނެ ކަމަށް މުތާ ބުންޏެވެ.

"އިންދިރާސް" މާދަމާއިން ފެށިގެން "ސަން"ގައި ޕަބްލިޝްކުރަން ފަށާއިރު ވާހަކައިގެ މުޅިން އާ އެޕިސޯޑެއް ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުދަ ދުވަހެއްގައި ގެނެސްދޭނެއެވެ.

މުތާ ބުނީ، ކުރިން އޭނާ "ސަން" އަށް ލިޔަމުން އައި "ބާޒީ" ވާހަކަ މެދުކަނޑާލަން ޖެހުނީ ބަލިވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން އަނެއްކާވެސް އެ ވާހަކަ "ސަން" ގެ ކިޔުންތެރިންނަށް ކިޔާލަން ލިބޭނެ ކަމުގެ އުފާވެރި ހަބަރުވެސް މުތާ ދެއެވެ.

ސ. ހިތަދުއަށް އުފަން މުތާ އަކީ 2013 ވަނަ އަހަރުން ފެށިގެން ވާހަކަލިޔަމުން އަންނަ ލިޔުންތެރިއެކެވެ. ތަފާތު އެކި ކަހަލަ މައްސަލަތަކުގެ މައްޗަށް މުތާ ވަނީ ވާހަކަ ލިޔެފައެވެ. އޭނާގެ ތިން ވާހަކަ ފޮތެއް ވަނީ ދަގަތަ ޕަބްލިޝާޝްގެ ފަރާތުން ޗާޕްކޮށް ވިއްކާފައެވެ. އެއީ "ލޯބީގެ ނޫރު" އާއި "ތި ގަދަރު ފަނޑުވާނެހޭ" އަދި " ޔާރު މިވަނީ ލޯތްބޭ" އެވެ.

"ފޮހެވޭނެ ބާއޭ" އާއި "އޯގާވީ ހިތަކުން" އަދި "އެވްލިީން" އެއީ އެސްފިޔަ ވާހަކަ ސައިޓުގައި ވެސް މަގުބޫލުވެގެންދިޔަ މުތާގެ ބައެއް ވާހަކަތަކެވެ.