އަވަށްޓެރި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފިއެވެ.

މި މަހު 16 ވަނަ ދުވަހު އިންޑިއާއަށް ވަޑައިގެންވި ރައީސް ސޯލިހުގެ ރާއްޖެ ވަޑައިގެންނެވީ މިރޭ 7:00 ގައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދާއި ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖުގެ އިތުރުން، އިންޑިއާގެ ވިޔަފާރިވެރިންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހީންނާ ރައީސް ސޯލިހު ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ލޯނު އެހީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ދޭން ނިންމައިފައެވެ.

ދެ ގައުމު ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނީ، ވިސާގެ ކަންތައް ހަރުދަނާ ކުރުމާ ގުޅޭ އެއްބަސްވުމަކާއި ކަލްޗަރަލް ކޯޕަރޭޝަން އާ ގުޅޭ އެއްބަސްވުން، އައިސީޓީ އަދި ދަނޑުވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަނބިކަބަލުންނާއި ވަޒީރުންގެ މަޖިލިސްގެ ބޭފުޅުން އަދި ސަރުކާރުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.