މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރަށްތައް ދޫކުރި ގޮތުގެ ތަފްސީލު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާތާނާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މިއަދު އޭސީސީން ވަނީ އާންމުކޮށްފައެވެ. އެގޮތުން އަދިވެސް ބަަލަމުން އަންނަ އެމްއެމްޕީއާރްސީއާ ގުޅޭ ހަ މައްސަލައެއްގެ މައުލޫމާތާއި، ކުރީގެ ނައިބު ރައީސް އަދީބު އެމްއެމްޕީއާރްސީ މެދުވެރިކޮށް 57 ރަށެއް ދޫކުރި ގޮތުގެ ވަކިވަކި މައުލޫމާތު އެ ކޮމިޝަނުން މިއަދު ވަނީ އާންމު ކޮށްފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ހުރިހާ ރަށްތަކެއް ދޫކުރި ގޮތާއި، އެ ރަށްތަކަށް ނެގި ފައިސާ އާއި އެ ރަށްތަށް ދޫކުރުމުގައި އަދީބާއި، އެމްއެއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ކުށްވެރިވާ ގޮތުގެ ތަފްސީލު އޭސީސީން ހާމަކުރިލިޔެކިޔުމުގައިވެއެވެ.

ޖުމްލަ 57 ރަށުގެ މައްސަލަ އޭސީސީން ތަހުގީގުކުރި އިރު އެ ރަށްތަކާ ގުޅޭ 5،681 ޑޮކިއުމެންޓު އެ ކޮމިޝަނުން އެނަލައިޒް ކުރި ކަމަށް އެ ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ. އަދި މައްސަލައާ ގުޅޭ 163 ފަރާތެއްގެ 28،448 ބޭންކު ޑޮކިއުމެންޓު ބަލާފައި ވާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގުކުރަން ފެށީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 10 އޮގަސްޓް 2017 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ހިޔާނާތް ހިނގައި ދިޔަ އިރު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރި އަބްދުﷲ ޒިޔަތު އާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ދައުވާކޮށް ވަނީ ޖަލު ހުކުމް އިއްވާފަ އެވެ.

އެ މައްސަލައިގައި ހާމިދަށް ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވި އިރު އަދީބާއި ޒިޔަތުގެ މައްޗަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ޒިޔަތުގެ މައްޗަށް އިތުރު 33 ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ޒިޔަތުގެ މައްޗަށް ޖުމްލަ 90 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.