އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ ޝިވް ޝަންކަރް މެނަން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގައި، އިންޑިޔާގެ ސަރުކާރުން ވެދެމުން ގެންދާ އެހީތަކަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް ކުރިއަށް އޮތް ސާކް ސަމިޓުގައި މުއާހަދާއެއް އެކުލަވައިލުމާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީކަންކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ހިޔާލު ބަދަލުކުރެއްވި އެވެ. އެގޮތުން އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އުޅޭ ކަނޑު ފޭރޭ މީހުންނާއި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުންނާ ދެކޮޅަށް އިންޑިއަން އޯޝަން ކޯޕަރޭޝަނުން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

މިއަދު އޮތް މިބައްދަލުކުރެއްވުމުގައި އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި މިގުޅުން އިތުރަށް ފުޅާކުރެއްވޭނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވި އެވެ. އަދި ދިވެހި ރާއްޖެއިން އިންޑިޔާއާ ދޭތެރޭ އަބަދުވެސް ބަހައްޓާ ގާތްކަމަށްޓަކައި އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވި އެވެ.