ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގައި އޭސީސީން 34129 ޑޮކިއުމެންޓު ބަލައި އެނަލައިޒް ކުރި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާތާނާ ގުޅޭ ބައެއް މައުލޫމާތު މިއަދު އޭސީސީން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އަދިވެސް ބަަލަމުން އަންނަ އެމްއެމްޕީއާރްސީއާ ގުޅޭ ހަ މައްސަލައެއްގެ މައުލޫމާތާއި، ކުރީގެ ނައިބު ރައީސް އަދީބު އެމްއެމްޕީއާރްސީ މެދުވެރިކޮށް 57 ރަށެއް ދޫކުރި ގޮތުގެ ވަކި ވަކި މައުލޫމާތު އެ ކޮމިޝަނުން މިއަދު ވަނީ އާންމު ކޮށްފަ އެވެ.

އޭސީސީއިން އާންމު ކުރި ލިޔުންތަކުގައި ބުނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ އަކީ އެކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ޓީމުގައި އެކި ފަހަރު މަތިން 36 މުވައްޒަފުން ބޭނުންކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖުމްލަ 57 ރަށުގެ މައްސަލަ އޭސީސީން ތަހުގީގު ކުރި އިރު އެ ރަށްތަކާ ގުޅޭ 5681 ޑޮކިއުމެންޓު އެ ކޮމިޝަނުން އެނަލައިޒް ކުރި ކަމަށް އެ ކޮމިޝަނުން ވަނީ ހާމަ ކޮށްފަ އެވެ. އަދި މައްސަލައާ ގުޅޭ 163 ފަރާތެއްގެ 28،448 ބޭންކު ޑޮކިއުމެންޓު ބަލާފައި ވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނަށް އެ މައްސަލަ ތަހުގީގު ކުރުމުގައި ދިމާވި ދަތިތައް ވެސް ކޮމިޝަނުން ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން، ތަހުގީގަށް ގިނަ އިދާރާތަކެއްގެ ގިނަ އަދަދެއްގެ ލިޔެކިޔުން ބަލަން ޖެހުމުގައި އާއި، އެކި ފަރާތްތައް ހާޒިރުކޮށް ބަޔާން ނެގުމުގައި ދަތިތަކެއް ދިމާވި ކަމަށް ވަނީ ބުނެފަ އެވެ. އަދި ކޮމިޝަނުގެ އިންސާނީ އަދި ޓެކްނިކަލް ވަސީލަތްތައް ނެތުމުން އެކަމުގެ ދަތިތައް ވެސް ކުރިމަތިވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 10 އޮގަސްޓް 2017 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ހިޔާނާތް ހިނގައި ދިޔަ އިރު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރި އަބްދުﷲ ޒިޔަތު އާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ދައުވާކޮށް ވަނީ ޖަލު ހުކުމް އިއްވާފަ އެވެ.