ކޮންމެ މީހަކަށް ވެސް ސިޔާސީ ޕާޓީއެއް އުފައްދައިގެން ސިޔާސީ މަސައްކަތް ކުރުމުގެ ހައްގު އޮންނާނެ ކަމަށާއި އެގޮތުން އެމަނިކުފާނުގެ ދެވަނަ ނައިބު ރައީސް، އަހުމަދު އަދީބު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައި އުފެއްދުމުގެ ހުއްދަ ދީފައިވާ މޯލްޑިވްސް ތާޑްވޭ ޑިމިކްރޭޓްސް (އެމްޓީޑީ) އަށް ކުރީގެ ނައިބް ރައީސް އަދީބު ސޮއި ކުރެއްވުމުން އެމަނުކިފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން ޔާމީންއާ ސުވާލު ދެންނެވުމުން ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށެވެ.

"އަދީބު ޕާޓީއެއް ވެސް ހައްދަވަން ވާނެ. ޕާޓީއަށް އާންމު މެންބަރުން ވެސް އިތުރު ކުރެވޭތޯ ބަލަން ވާނެ. އަދި ރައްޔިތުންގެ މަޖިލިސްގެ އެކި ދާއިރާތަކަށް ޕާޓީއެއް ވެއްޖިއްޔާ މީހުން ކުރިމަތި ވެސް ލާން ވާނެ. އެހުރިހާ ކަމެއް ވެސް ކުރެވޭނެ ދެއްތޯ. އޭގަ އަޅުގަނޑުގެ އެއްވެސް މައްސަލަ އެއް ނެތް. އަޅުގަނޑު އެކަމުގެ އެދޭނީ އަދީބަށް ވެސް އެހެނިހެން ސިޔާސީ އެހެން ބޭފުޅުންނަށް ވެސް އެދޭ ގޮތަށް ހަމަ ގުޑް ލަކް. ހަމަ ގޯ ވިތް ދަ ޕްރޮސަސް. އަދީބް ވެސް ހަމަ އެ މަސައްކަތް ކުރައް ގެންދަވަން ވީ،" ޕީޕީއެމްގެ ރައީސް، ޔާމީން ވިދާޅުވި އެވެ.

ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ ފަރާތެއް ސިޔާސީ މަސައްކަޔް ކުރައްވަމުން ގެންދެވުމުން ނިކުންނާނެ ނަތީޖާއާ ގުޅޭ ގޮތުން ރައީސް ޔާމީނާ ސުވާލު ދެންނެވުމުން އެމަނިކުފާނު ދެއްވީ މަޖާޒީ ޖަވާބެކެވެ.

އެގޮތުން އެކި ފަށަލައިން ދޮވެލެވުނީމަ އެކަން ފިލައިގެން ދާނެ ކަން ފާހަގަ ކޮށް ރައީސް ޔާމީން ވިދާޅުވީ އެކަމަށް އިތުރަށް ކޮމެންޓް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"މިހާރު ނުހުންނާނެ މި އުޅޭ އެއްވެސް ސިޔާސީ ލީޑަރެއް ނުހުންނާނެ ހައްގު ގޮތުގައި ޖިނާއީ ހުކުމެއް ނާންނަ އެއްވެސް މީހަކު ނުހުންނާނެ،" ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ހުކުމްތަކާއި ގުޅޭ ގޮތުން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކިފާނު އިންނެވި ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލުމުގެ އަޑީގައި ހުންނެވީ އަދީބުކަން ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ސިއްހީ ހާލަތު ހުރި ގޮތުން މިވަގުތު އަދީބު ހުންނެވީ ގޭ ބަންދުގަ އެވެ.