މީހުންގެ އެކައުންޓުގައި ހުންނަ ފައިސާގެ ތަފްސީލް ހާމަ ކުރުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން އެހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓު ތަކުގައި ހުރި 100 މިލިއަނަށްވުރެން ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް ފުލުހުން ދާދި ފަހުން ހާމަ ކުކުރުމާ ގުޅިގެންނެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ މީހެއްގެ އެކައުންޓުގައި ފައިސާތަކެއް ހުރުމަކީ ކުށްވެރި ވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާއާ ގުޅޭ ގޮތުން ފުލުހުން އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ވަރަށް ހިތާމަ ކުރަން އަޅުގަނޑުގެ މާލީ ބަޔާން މިގޮތަށް ނާޖާއިޒު ގޮތެއްގައި ބޭނުން ކުރެވުނީމަ. މީހުންގެ އެކައުންޓުގައި ހުންނަ ފައިސާގެ ތަފްސީލަކީ މީހުންގެ ޕްރައިވެޓް ނޮލެޖު. މީހުންގެ ޕްރައިވެޓު މައުލޫމާތު،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނަށް އެއްވެސް ތުހުމަތެއް ކުރާނަމަ އެ ތުހުމަތުން ބަރިއަ ވާނެކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. އަދި އެމަނިކުފާނުގެ އެއްވެސް އެކައުންޓެއްގައި ގާނޫނާ ހިލާފު އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދައުލަތުގެ ތަހުގީގީ އިދާރާއަކުން އަދި އެހެންވެސް އިދާރާ އަކުން އެ 100 މިލިއަން ރުފިޔާގެ ތަފްސީލަށް އެއްވެސް ތުހުމަތެއް ކުރައްވައިފި ނަމަ އެ ތުހުމަތުން އަޅުގަނޑު ބަރީއަ ވާނަން. މިތާ ހުންނާނީ ޖާއިޒު ފައިސާ. މިއީ ސައްހަ ފައިސާ. މިއީ ދައުލަތުގެ ފައިސާ އެއްވެސް ނޫން. މިއީ އެހެން މީހެއްގެ ފައިސާއެއް ވެސް ނޫން. އެހެންވީމަ މިތާނުގައި ނުހުންނާނެ ގާނޫނާ ޚިލާފް އެއްވެސް ފައިސާ އެއްވެސް،" ރައީސް ޔާމީން ވިދާޅުވި އެވެ.