18 Dec 2018, 16:26
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބައެއް މެންބަރުން އިސްނަގައިގެން އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ އެމަނިކުފާނު ފަހަތުގައި ހުންނަވައިގެން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ، އެ ޕާޓީގެ މިލްކުވެރިކަމާއި ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ ކަމަށާއި މި ވަގުތު އެ ކޯޓު ރިސެސްގައި އޮތް އިރު މިހާރު ވެސް ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެ ކަމަށް ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ނަގާނެ މުއްދަތެއް ވެސް ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ މުސްތަގްބަލާ މެދު ގޮތެއް ނުނިމި ކަށި ކުނބުރު ވަލެއްގެ ތެރޭގައި ހިނގަން ބޭނުން ނުވާ ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެމަނިކުފާނަށް ތާއިދު ކުރައްވާ ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދެވެން އޮތީ އާ ޕާޓީއެއް ހަދައިގެން ކަމަށެވެ.
"އާ ޕާޓީއެއް އެ ހައްދަވަނީ އަޅުގަނޑުމެން ޕާޓީގެ އިސް ބޭފުޅުންކޮޅެއް. އަޅުގަނޑު ވަރަށް އިތުބާރު ކުރާ އަޅުގަނޑުގެ ފުރިހަމަ ރުހުމާއި ތާއީދާއި ހިތްވަރު ދިނުމާއި އެކީގައި އަޅުގަނޑު ހަމަ ބެކް ކުރާތީ އެ ހައްދަވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ އިރު ޕީޕީއެމް ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށާ ހިސާބުން އެމަނިކުފާނުގެ ފިކުރަށް ތާއިދު ކުރައްވާ ފަރާތްތަކުން އެ ޕާޓީއަށް ގުޅިވަޑައިގަތުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައިފަ އެވެ.
"އޭގެ ބޭނުމަކަށް ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އަންނަ ހިސާބުން އަޅުގަނޑު ވެސް އާ ޕާޓީއަށް ގުޅެން ޖެހޭނެ އެނގޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އާ ޕާޓީއެއް ހަދަން ޖެހެނީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ދިމާވި ގޮތް އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިމާވެދޭނެ ކަމުގެ ބިރު އޮތުމުން ކަމަށް ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ޕީޕީއެމްގެ ނަމުގައި ދެ ފިކުރެއްގެ ބަޔަކު ނިކުމެ އެ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތި ލާން ޖެހުނު ކަމަށާއި އެ ތަޖުރިބާ ދެ ވަނަ ފަހަރު ކުރަން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެގޮތުން ޕީޕީއެމްގެ ނަމުގައި އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ޓިކެޓް ދީފައިވާ ފަރާތްތައް، އާ ޕާޓީއެއް ހެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.