18 Dec 2018, 16:16
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ވަކި ވަކީން ތަހުގީގު ކުރަމުންދާ ހަ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކޮށްފި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ވަކި ވަކީން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނެރުނު ބަޔާނެއްގައި އޭސީސީ އިން ބުނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދޫކޮށްފައިވާ ބޭންކާސް ޗެކް ނުވަތަ ބެންކް އޯޑާ ޗެކުތަކުގައި ޕީއީއެއްގެ ގޮތުގައި އެމްއެމްޕީއާރްސީ ލިޔެފައިވީ ނަމަވެސް، އެ ޗެކްތައް އެންޑޯޒް ކުރުމަށް އެ ކުންފުނީގެ އޭރުގެ އެމްޑީ ސޮއިކޮށް ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖުމްލަ 22،145،000 ޑޮލަރު ޖަމާކޮށްފައި ވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން ދާ ކަމަށެވެ.
އަދި އެމްއެމްޕީއާރްސީގެ މައްސަލާގައި ހިމެނޭ ޕްރައިވެޓު ކުންފުންޏާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓުން ލިބިފައިވާ ސަސްޕިޝަން ޓްރާންސެކްޝަން ރިޕޯޓުގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ކަމަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހިނގާފައި ހުރިކަން އެނގެން އޮންނަ އިރު، އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވަނީ "ވަކި ފަރާތެއްގެ" ނުފޫޒުން ކަމަށް ފާހަގަ ކުރެވޭ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.
ނަމަވެސް އެ "ވަކި ފަރާތަކީ" ކޮބައި ކަމެއް އޭސީސީއަކުން ނުބުނެ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން އެ ކުންފުންޏަށް 77،505،000 ޑޮލަރު ވަންނަން ޖެހޭ އިރު އޭގެ ތެރެއިން އެ ކުންފުންޏަށް އެންމެ 12،500،000 ޑޮލަރު ވަން މައްސަލަ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އޭސީސީ އިން ބުންޏެވެ. އެ މައްސަލާގައި ކޭޝްގެ ގޮތުގައި ނެގި ފައިސާއަށް ވީ ގޮތް ވެސް ބަލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައްސަލާގައި ހިމެނޭ، ރާއްޖެ އިން ބޭރުގައި އުޅޭ ފަރާތްތައް ވެސް ހާޒިރުކޮށްގެން ސުވާލު ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށް އޭސީސީ އިން ބުންޏެވެ.
އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅޭ އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީ އިން ބުންޏެވެ. އެ މައްސަލާގައި ހިމެނޭ، ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތައް ވެސް ހާޒިރުކޮށްގެން ސުވާލު ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށް އޭސީސީ އިން ބުންޏެވެ.
ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ވަނީ މި އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އަދި، އެމްއެމްޕީއާރްސީގެ ހިންގާ ގަވާއިދާ ހިލާފަށް އަމިއްލަ ދެ ކުންފުންޏަކަށް 6.15 މިލިއަން ޑޮލަރުގެ ލޯނެއް ދީ، އެ ލޯނު އަނބުރާ އަދާ ކުރި ކަމަށް ދެއްކުމުގެ ގޮތުން އަސްލު ނޫން ލިޔެކިޔުންތަކެއް ހަދައި އޮޅުވާލި މައްސަލަ އާއި އެމްއެމްޕީއާރްސީ އިން އެމްޕީއެލްއަށް ޑޮލަރު ހޯދައިދިނުމުގެ ނަމުގައި އެ ކުންފުނިން 200 މިލިއަން ރުފިޔާ ނަގާފައިވާ ކަމާއި އެ ފައިސާ އޭގެ ތެރެއިން އެއް ކުންފުންޏެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލަ ވެސް ބަލަމުންދާ ކަމަށް އޭސީސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވަދެފައިވާ މައްސަލަ ވެސް އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން ރައްތިތުންގެ މަޖިލީހުގެ މެމްބަރެއްގެ ބަޔާން ވެސް ނަގާފައިވާނެ ކަމަށް އޭސީސީ އިން ބުންޏެވެ. އޭސީސީ އިން ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއެއް އެއްވެސް މަޖިލީސް މެމްބަރަކަށް ލިބިފައިވާ ކަމުގެ ހެއްކެއް އަދި ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.