02 Oct 2011, 12:29
މަހައްދޫ އިންވެސްޓްމަންޓުން ބެންކްއޮފް މޯލްޑިވްއަށް ނުދައްކާ އޮތް 39 މިލިޔަން ޑޮލަރު ޑިމާޑް ލޯނާއި އެލްސީއެއްގެ މައްސަލައިގައި ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ނިޔާ ކަނޑައެޅުމުގެ ޝަރީއަތަށް މަހައްދޫ އިންވެސްޓްމެންޓްގެ ހިއްސާދާރުން ހާޒިރުވެ ވަޑައި ނުގަތުމުން ޝަރީއަތް ކެންސަލްކޮށް ދެން ބާއްވާ އަޑު އެހުމަކަށް ހާޒިރުވެވަޑައި ނުގެންފިނަމަ ޣައިރު ހާޒިރުގައި ނިޔާ ކަނޑައަޅަން ހައިކޯޓުން ނިންމައިފި އެވެ.
މަހައްދޫގެ ހިއްސާދާރުންނަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު އަހުމަދު ތަސްމީން އަލީ ގެ ކޮއްކޯފުޅު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި، ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މި މައްސަލައިގެން ދެން ހިމެނެނީ މ. ރަފީގުގޭ އަޙްމަދު ރަޝީދެވެ.
ތަސްމީންގެ މަސްލަހަތު އޮންނަ ކުންފުނިން ތަރައްގީ ކުރާ ރަށަކީ ގއ. މަހައްދޫ އެވެ. އެރަށުގައި މަސައްކަތް ފެށުމަށް ފަހު މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ހައިކޯޓުގައި މިއަދު 10:00 ޖެހިއިރަށް ތާވާލުކޮށްފައި އޮތް ޝަރީއަތަށް ނާޝިޒާއި އާޒިމް ވެސް ހާޒިރުވެ ވަޑައެއް ނުގަންނަވަ އެވެ. އަދި ދެން ހިމެނޭ ހިއްސާދާރާއި މަހައްދޫގެ ވަކީލު ވެސް ވަޑައެއް ނުގަންނަވަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު މިއަދު ވިދާޅުވީ މި މައްސަލަ މިއަދަށް ޝެޑިއުލް ކޮށްފައިވަނީ އާޒިމާއި ނާޝިޒާ ދެބޭފުޅުންނާ ވާހަކަދެއްކުމަށް ފަހުކަމަށާއި، ނަމަވެސް އެބޭފުޅުން ވަޑައިގެންފައި ނުވާތީ ދެން އޮންނަ އަޑުއެހުމަކަށް ވަޑައިނުގެންފި ނަމަ ޣައިރު ހާޒިރުގައި ހުކުމް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ ބާތިކޮށްލައިފިނަމަ ބޭންކް އޮފް މޯލްޑިވްސްއަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ޝަރީއަތް ކެންސަލް ކުރެއްވުމަށް ބޭއްވި މަޖިލީހުގައި ބޭންކް އޮފް މޯލްޑިވެސްގެ ވަކީލު ވިދާޅުވީ އެފައިސާ މަހައްދޫ އިންވެސްޓްމަންޓް ބޭންކަށް ލިބެންޖެހޭ ފައިސާ ލިބިފައި ވަރަށް ބޮޑު ގެއްލުމެއް ކުންފުންޏަށް ލިބެމުންދާ ކަމަށެވެ. އަދި މައްސަލަ އަވަސް ކޮށްދެއްވުމަށް ވެސް ޝަރީއަތުގެ މަޖިލީހުގައި އެދިވަޑައިގަތެވެ.
ވަކީލު ވިދާޅުވީ އިސްތިއުނާފު ކުރާ ފަރާތުން މަސައްކަތް ކުރައްވަނީ މައްސަލަ ލަސް ކުރުމަށް ކަމަށެވެ.