18 Dec 2018, 14:36
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާއްސަ މަންދޫބު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު މިދިޔަ އަހަރު އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން މިދިޔަ އަހަރު ކެންސަލްކުރީ ފުލުހުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ. ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ އިޓަލީގައި ހުންނެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވިފަހުންނެވެ.
އެ މައްސަލާގައި ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ދިވެހި ރައްޔިތެއްގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިދީފައި ނުވާކަން އެގެން އޮންނަ ކަމަށެވެ.
އެހެން ކަމުން އިމިގްރޭޝަނުން މިދިޔަ އަހަރުގެ މެއި 10 ވަނަ ދުވަހު ޖާބިރުގެ ޕާސްޕޯޓު ކެންސަލްކޮށްފައިވަނީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާ އާއި 14 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު ޖާބިރު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ސެޕްޓެމްބަރ މަހުއެވެ.