18 Dec 2018, 13:54
އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އާދިއްތަ ދުވަހު އެގައުމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އާގްރާގައި ހުންނަ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލުކުރައްވައިފަ އެވެ.
މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ. އޭގެ ތެރޭގައި ވިސާގެ ކަންތައް ހަރުދަނާ ކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ކަލްޗަރަލް ކޯޕަރޭޝަން އާ ގުޅޭ އެއްބަސްވުމެއްގަޔާއި އައިސީޓީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށާއި ދަނޑުވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ.

ރައީސް ސޯލިހު ތާޖް މަހަލްއަށް ކުރެއްވި ޒިޔާރަތުގައި ފޮޓޯއެއް ނަންގަވަނީ -- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން އިންޑިއާއިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް (ލޯނު) ސަޕޯޓެއް ދޭން ނިންމައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބަވަނީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދްގެ ހާއްސަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބާވަންގަ އެވެ.