މާލެ ސިޓީ ކައުންސިލުގެ އަތުން އަތުލި ބާރުތައް އެ ކައުންސިލަށް އިޔާދަކޮށްދިނުމާއެކު ކައުންސިލުގެ މަސައްކަތްތައް މެކުހަށް ޖަހައިފިއެވެ.

ޚިދުމަތްތައް ފޯރުކޮށް ނުދެވޭކަމަށް ބުނެ، މާލެ ސިޓީ ކައުންސިލުގެ މެންޑޭޓުން ބޮޑު ބައެއް ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންނެވެ. އަދި އެ ބާރުތައް ވަކިކުރުމަށްޓަކައި، ސިޓީ ކަމަށް ކަނޑައަޅައި، ލާމަރުކަޒީ ގާނޫނަށް އިސްލާހެއްވެސް ގެނައެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޑިސެމްބަރު ފަސްވަނަ ދުވަހު ވަނީ ސިޓީ ކައުންސިލުން ނަގާފައިވާ ބާރުތައް އަލުން އިޔާދަކޮށްދީފައެވެ. އެއާއެކު ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަސައްކަތް ވަނީ މެކުހަށް ޖަހާފައެވެ.

މާލެ ސިޓީގެ ކައުންސިލަރު ހަމްނާ ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ މިވަގުތު ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ އެއް ކަމަކީ މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުރި ތަންތަން ފާހަގަކޮށް، އެތަންތަން ހެދުމުގެ މަސައްކަތް ކަމަށެވެ.

"މަގުތަކުގައި ހުރި އެކަހަލަ ތަންތަން ފާހަގަކޮށް، އެއްވަރުކުރުމަށްފަހު އަލުން ގާ އެތުމުގެ ކަންކަން ކުރަމުން އެބަ ދަން،" ކައުންސިލަރު ހަމްނާ ވިދާޅުވިއެވެ.

އެގޮތުން އިއްޔެ މާލެ ސިޓީ ކައުންސިލުން ވަނީ މާފަންނު ހަނދުވަރީހިނގުމުގައި ހުރި އެފަދަ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި ކާނުތައް ސާފުކުރުމާއި މަގުތަކުގައި ޖަމާވެފައި ހުރި ކުނި ނެގުން ފަދަ ކަންކަން ވަނީ ކޮށްފައެވެ.

ގަވައިދާ ހިލާފަށް މަގުމަތީގައި ހުންނަ ތަކެތިވެސް ނަގަން އަންގަމުން ގެންދާކަމަށްވެސް ހަމްނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، އާދީއްތަ ދުވަހު ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާ ހިނގުމުގެ ވެސް ކުރިން ކައުންސިލުން އޮތީ ކޮންޓްރެކްޓަރުންނާއި ކޮންސްޓްރަކްޝަން ދާއިރާގެ ހިއްސާދާރުންނާ ބައްދަލުކުރުމަށް ރާވާފައެވެ.

އެހެންކަމުން ހާދިސާ ދިމާވުމުގެ ސަބަބުން އިތުރު މުހިންމުކަމެއް ދީގެން ކޮންސްޓްރަކްޝަންގެ މަސައްކަތް ހިނގަމުންދާ ތަންތަނަށް ކައުންސިލުގެ ޓީމުތައް ޒިޔާރަތްކުރަމުން ގެންދާކަމަށްވާ ކަމަށް ހަމްނާ ވިދާޅުވިއެވެ. އަދި ރައްކާތެރި ނޫންކަމަށް ބެލެވޭ ތަންތަން ފާހަގަކޮށް، މަސައްކަތް ހުއްޓާލުމަށް ލިޔުންވެސް ހަވާލުކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ މާލޭގެ މަގުތަކާއި ފަޅުތެރޭގައި ހުރި ކުނި ނެގުމުގެ މަސައްކަތްވެސް ކޮށްފައެވެ.

އަދި މާލެއާއި ވިލިމާލޭގައި މަދިރި ނައްތާލުމަށްޓަކައި ފޮގުކުރުމުގެ މަސައްކަތްވެސް ކުރިއެވެ.

"ފޮގުކުރުމަކީ ފުރިހަމަ ހައްލެއް ނޫން. ހައްލަކީ މަދިރި އާލާވާ ތަންތަން ހޯދައި އެތަންތަން ނައްތާލުން. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި އެފަދަ ތަންތަން ހޯދައި، އެތަންތަން ނައްތާލުމަށް އެރޭންޖްމަންޓްސް ހަދަމުން މި ދަނީ،" ހަމްނާ ވިދާޅުވިއެވެ.

ހަމްނާ ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި، މި ހުރިހާ މަސައްކަތެއްވެސް ހުއްޓުމެއް ނެތި ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެކަމަށެވެ.