ދެ އަތޮޅަކާއި ދެ ރަށެއްގެ އިސް މެޖިސްޓްރޭޓަކު ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އިން ބަދަލު ގެނެސްފި އެވެ.

ޖޭއެސްސީން ބަދަލުގެނައި ހަތަރު އަތޮޅަކީ ހދ، އދ، ގއ، ދ. އަތޮޅުގެ އިސް މެޖިސްޓްރޭޓެވެ. އެ ކޮމިޝަނުން ބުނީ ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ހދ. ވައިކަރަދޫ ގްރީންވިލާ މުޙައްމަދު ނިޔާޒު ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށެވެ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ކަމަށް އޭނާ ހަމަޖެއްސީ މިދިޔަ މަހުގެ 18 ގައި ކަމަށް ޖޭއެސްސީން ބުންޏެވެ.

ކޮމިޝަނުން ބުނީ އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ގއ. ވިލިނގިލީ ހިލިހިލާއާގެ ޝުޖާއު އުސްމާން ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ގއ. ގެމަނަފުށީ ދުބުރިމާގެ ޙުސައިން މަޒީދު އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް މިއަދު ބަދަލުކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީން ބުނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި ދ. ބަނޑިދޫ އަލިވާގެ އަޙްމަދު އާމިރު ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަޤާމަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ.