18 Dec 2018, 10:54
ވޮޝިންޓަން(ޑިސެމްބަރު 18): ސިކުނޑީގެ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ދޮގު ހެދި އިނގިރޭސިވިލާތުގެ އަންހެނަކު ހަތަރު އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ޖޭޒްމިން މިސްޓްރީ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ފުރަތަމަ އޭނާގެ ފިރިމީހާއަށް ދޮގު ހެދީ 2013 ވަނަ އަހަރެވެ. އަދި އޭނާ ވަނީ ވަޓްސްއެޕުން އޭނާގެ "ޑޮކްޓަރު" ފޮނުވާފައިވާ މެސެޖުތަކެއް ދައްކާފައެވެ.
އެފޭކު މެސެޖުތަކުގައި ޑޮކްޓަރު ވަނީ މިސްޓްރީގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާގައި އޭނާއަށް ފަރުވާ ދެވިދާނެ ކަމަށާއި އެކަމަށް 500،000 ޕައުންޑު (631,054 ޑޮލަރު) ބޭނުންވާނެ ކަމަށް ބުނެފައެވެ.
އޭގެ ސަބަބުން މިސްޓްރީގެ ފިރިމީހާ ވަނީ އޭނާގެ ފަރުވާއަށް އާއިލާ އާއި އެކުވެރިންގެ އެހީގައި ފައިސާ އެއްކޮށްފައެވެ. އެފައިސާގެ އަދަދު 253،122 ޕައުންޑު (319,439 ޑޮލަރަށް) އެރި އެވެ.
ފުލުހުން ބުނި ގޮތުގައި މިސްޓްރީގެ އާއިލާގެ 20 މީހުންނާއި އިތުރު އަށް މީހަކު ވަނީ އޭނާގެ ފަރުވާއަށް ފައިސާ ދީފައެވެ.
ނަމަވެސް ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ މެސެޖުތަކަކީ އެހެން ސިމް ކާޑެއް ބޭނުންކޮށްގެން މިސްޓްރީ އަމިއްލައަށް ފޮނުވި މެސެޖުތަކެކެވެ.
އަދި އޭނާ ދައްކަމުން ދިޔަ ވާހަކައާ ބެހޭ ގޮތުން ޝައްކު އުފެދުނީ، އޭނާގެ ސިކުނޑީގެ ސްކޭނެއް ކަމަށް ބުނެ ދެއްކި ފޮޓޯ، މިސްޓްރީގެ ފިރިމީހާގެ އެކުވެރިއަކަށް ގޫގުލްކޮށްގެން ފެނުމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިސްޓްރީ ހައްޔަރު ކުރި ފަހުން އޭނާ ވަނީ އޭނާއަށް ކެންސަރު ނުޖެހޭ ކަމަށާއި ބަލިވި ކަމަށް ބުނެ ދޮގު ހެދި ސަބަބު އޭނާއަށް ވެސް ނޭނގޭ ކަމަށް ބުނެފައެވެ. އެ ދެމަފިރިން މިހާރު ވަނީ ވަރިވެފައެވެ.
ރިޕޯޓުތަކުގައިވާ ގޮތުން މިސްޓްރީ އެފައިސާ ހަރަދުކޮށްފައި ވަނީ އަގުބޮޑު ދަބަސް ފަދަ ތަކެތި ގަތުމަށެވެ.