18 Dec 2018, 10:41
ސިކުނޑީގެ ބައްޔެއްގެ ސަބަބުން ލައިފް ސަޕޯޓުގައި އޮތް ދެ އަހަރުގެ ޔަމަނުގެ ކުއްޖަކު އެންމެ ފަހު ފަހަރު ދެކިލުމަށް އެމެރިކާއަށް ދާން މަސައްކަތް ކުރަމުންދާ އެކުއްޖާގެ މަންމަ، އެމެރިކާއަށް ދިޔުން އެގައުމުން ހުއްޓުވައިފިއެވެ.
އަބްދުﷲ ހަސަންގެ ބައްޕަ، އަލީ ހަސަން ބުނި ގޮތުގައި ކުއްޖާގެ މަންމައަށް އެމެރިކާއަށް ނާދެވެނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުން އެމެރިކާއަށް މީހުން ދިޔުން މަނާކޮށްފައި އޮތުމުންނެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ހައިޕޯމައިލިނޭޝަން ކިޔާ ސިކުނޑީގެ ބައްޔެއްގެ ސަބަބުން އަބްދުﷲގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. އަދި އެކުއްޖާ ސަލާމަތް ކުރެވުމުގެ ފުރުސަތު ކުޑައެވެ.
އެހެންކަމުން މިހާރު މިސްރުގައި ހުރި އަބްދުﷲގެ މަންމަ ޝައިމާ ސުވައިލީ ބޭނުންވަނީ، ލައިފް ސަޕޯޓު ކަނޑާލުމުގެ ކުރިން ކުއްޖާ އެންމެ ފަހަރަކު ދެކިލަން ކަމަށް އަލީ ހަސަން ބުންޏެވެ.
"ކުއްޖާގެ މަންމަ ބޭނުން ވަނީ އެންމެ ފަހު ފަރަހަށް ދަރިފުޅުގެ އަތުގަ ހިފާލަން،" އަލީ ހަސަން ބުންޏެވެ.
އެއާއިލާއިން ވަނީ އަބްދުﷲގެ މަންމައަށް ވީހާވެސް އަވަހަކަށް އެމެރިކާއަށް ދެވޭނެ ގޮތެއް ހަދައި ދިނުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގައި އެދިފައެވެ.
އަދި ކުއްޖާގެ ހާލު ދެރަވުމުގެ ސަބަބުން މިސްރަށް ގެންދެވެންވެސް ނެތް ކަމަށް ބުނެފައެވެ.
ޔަމަނުގެ ހަނގުރާމައިން ސަލާމަތްވުމަށް އަބްދުﷲގެ އާއިލާއިން މިސްރަށް ބަދަލުވީ އެކުއްޖާގެ އުމުރުން އަށް މަހުގައެވެ. އަދި އަބްދުﷲގެ ފަރުވާއަށް އެކުއްޖާގެ ބައްޕައާ އެކު އެމެރިކާއަށް ދިޔައީ މީގެ ތިން މަސް ކުރިންނެވެ.
އަދި އަބްދުﷲގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ކެލިފޯނިއާގެ ޑޮކްޓަރުން ބުނުމުން، ޝައިމާ އެމެރިކާއަށް ގެންދިޔުމުގެ މަސައްކަތް އާއިލާއިން ފެށިއެވެ.
ނަމަވެސް، ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގެ ސަބަބުން ކުއްޖާގެ މަންމައަށް އެމެރިކާއަށް ނުދެވޭނެ ކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.
ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ވަނީ ގިނަ އަދަދެއްގެ މުސްލިމް ގައުމުތަކުގެ މީހުން އެމެރިކާއަށް ދިޔުން މަނާ ކުރާ އަމުރެއް ނެރުއްވާފައެވެ. އަދި އެއަމުރު ކޯޓުތަކުން އެކި ފަހަރު މަތިން ހުއްޓުވި ނަމަވެސް، މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުން ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައިވާ އެއަމުރަށް ތާއިދުކޮށްފައެވެ.
އެމެރިކާއަށް އެތެރެވުން މަނާކޮށްފައި ވަނީ ސޯމާލިއާ ސީރިއާ، އީރާން، ޔަމަން، ލީބިޔާގެ އިތުރުން އުތުރު ކޮރެއާ އަދި ވެނަޒުއޭލާއަށް ނިސްބަތްވާ ރައްޔިތުންނެވެ.