ނ. މަނަދޫގައި ތިން ތަރީގެ ސިޓީ ހޮޓަލެއް އެޅުމަށް ބޭރުގެ ކުންފުންޏަކުން އެ ރަށުގެ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށައަޅައިފިއެވެ.

ސަންއަށް ދެއްވި އިންޓަވިއު އެއްގައި މަނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ އެ ރަށުގައި ސިޓީ ހޮޓަލެއް އަޅަން ބިމެއް ހޯދުމަށް އެދުނީ ޖަޕާނުގެ ކުންފުންޏަކުން ކަމަށެވެ. އެކުންފުނިން އެދިފައި ވަނީ ރިއަލްއެސްޓޭޓްގެ އުސޫލުން ހޮޓާ އެޅުމަށް ކަމަށެވެ. އަދި ވިދާޅުވީ ޖަޕާނު ކުންފުނިން ކައުންސިލުގެ އިދާރާއަށް ޕްރޮޕޯސަލެއް ހުށަހެޅީ މިދިއަ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.
~
އެއީ ޖަޕާނުގެ ކޮން ފުންފުންޏެއް ކަމެއް މަނަދޫ ކައުންސިލު އިދާރާއަކުން ނުބުނެ އެވެ.
"ބިމެއް ދޫކުރާކަށް ކައުންސިލަކުން ނުނިންމޭނެ އެހެންވީމާ އަޅުގަނޑުމެން މިހާރުވަނީ އެކަން ޕްލޭނިން ކައުންސިލަށް ހުށައަޅާފައި، މިރަށުގައި ސިޓީ ހޮޓަލެއް ހެދުމަށް ބޭރުގެ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާކަން. އެކަން ނިންމަވާނީ ސަރުކާރުން،" ނަސީރު ވިދާޅުވި އެވެ. "ސަރުކާރުން ނިންމެވިހާ އަވަހަކަށް އަޅުގަޑުމެން ކައުންސިލްގެ ފަރާތުން އިއުލާން ކުރާނަން ސިޓީ ހޮޓާ އަޅަން ބޭނުންވާ ފަރާތެއް ހޯދުމަށް. އިއުލާން ކުރީމާ އަލުން ޖެހޭނީ ބޭނުންވާ ބަޔަކު އަނެއްކާވެސް ޕުރޮޕޯސަލް ހުށަހަޅަން" ނަސީރު ވިދާޅުވިއެވެ.
މަނަދޫގައި ސިޓީ ހޮޓަލެއް އަޅަން ހުށަހެޅި ޖަޕާނު ކުންފުނިން އެދިފައި ވަނީ ކިހާވަރެއްގެ ބިމެއްކަމެއް ވެސް އަދި އެ ކުންފުނީގެ ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަންކަމަކީ ކޮބައި ކަމެއް ވެސް ނަސީރު ވިދާޅެއް ނުވެއެވެ.
"ސިޓީ ހޮޓަލެއް އެޅުމަށް ބޭނުންވާވަރުގެ ބިން، ޝައުގުވެރިކަން ފާޅުކުރާ ކުންފުންޏަށް ދޫކުރާނެ ޖާގަ މަނަދޫގައި އެބައޮތް،" އޭނާ ވިދާޅުވި އެވެ.