އިއްޔެ މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ، ރައުޝަން ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ އާއިލާ ބަންގަލަދޭޝަށް ފުރައިފި އެވެ.

ޖިއާންގެ އާއިލާގެ މެމްބަރަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ މައިންބަފައިން ފުރީ މިރޭ 21:00 ހާއިރު ކަމަށެވެ. އަދި މިހާރު އެމީހުން ތިބީ ލަންކާގައި ޓްރާންސިޓް ކޮށްގެން ކަމަށް ބުންޏެވެ.

ޖިއާން ނިޔާވި ހާދިސާއާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖިއާންގެ މައިންބަފައިންނަށް ގުޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޖިއާންގެ އާއިލާއާ ބައްދަލު ކުރައްވާފަ އެވެ. އޭގެ އިތުރުން ހެލެތް މިނިސްޓަރު އަމީން އާއި ކުރީގެ ނައިބު ރައީސް ޖަމީލް ވެސް ޖިއާންގެ މައިންބަފައިންނާ ބައްދަލު ކުރެއްވި އެވެ.

ޖިއާން އަކީ ފ. އަތޮޅު ރަށެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ދަރިއެކެވެ. ފ. އަތޮޅުގަ ޖިއާން ދިރިއުޅެމުން އައީ އާއިލާއާ އެކު އެވެ. މައިންބަފައިންނާ އެކު މާލެ އައީ އެ އާއިލާގެ ވީސާއާ ގުޅޭ ކަމެއްގަ އެވެ. ޖިއާންގެ މައިންބަފައިންގެ އެހެން ދަރިއަކު ވެސް ހުރެ އެވެ.

މަތިން ވެއްޓުނު ބަސްތާގެ ދަށުވުމުގެ ސަބަބުން ޖިއާންގެ އެތެރޭގެ ގުނަވަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ. އަދި ފައިގައި ރެނދުލުމުގެ އިތުރުން ކަރަށާއި ކޮނޑަށް ވަނީ ބޮޑެތި ގެއްލުން ވެފަ އެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އެ ޖިއާން ނިޔާވީ މިއަދު މެންދުރު 12:00 ހާއިރު އެެވެ.