18 Dec 2018, 08:31
ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފަރާތުން، އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ކޮމެޑީ ފިލްމު "މާމުއި"ގެ އޮފިޝަލް ޕޯސްޓަރު ދައްކާލައިފިއެވެ.
އެ ފިލްމުގެ ޕޯސްޓަރު ދައްކާލީ ރޭ ޕޯސްޓަރު ރިލީޒްކުރުމަށް ބޭއްވި ކުޑަ ހަފްލާއެއްގެ ތެރެއިންނެވެ.
ޕޯސްޓަރު ރިލީޒްކުރުމަށްފަހު "މާމުއި" ގެ ޑައިރެކްޓަރު އަލީ ޝިފާއު(ޗިއްޕެ) ބުނީ، އެ ފިލްމަކީ ޑާކްރެއިން އިން މިހާތަަނަށް ގެނެސްދީފައިވާ ފިލްމު ތަކަށް ވުރެއް މަޖާ އަދި ފުރިހަމަ ފިލްމަކަށް ވާނެ ކަމަށެވެ.

"މާމުއި" ގެ އޮފިޝަލް ޕޯސްޓަރު... ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އިތުރަށް ވާހަކަ ދައްކަމުން ޗިއްޕެ ބުނީ، އެ ފިލްމުގައި ސީރިއަސް ކަންތައްތަކެއް ވާނެ ކަމަށާއި ނަމަވެސް އެ ކަންތައްތައް ވެސް ވެގެންދާނީ ބެލުންތެރިން ހެއްވާލާނެ ކަންތައްތަކަށް ކަމަށެވެ.
ފިލްމާ ބެހޭ ގޮތުން ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، "މާމުއި" އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމު ކަމަށެވެ. އަދި ޝޫޓިންގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހުން ކަމަށް ވެސް އޭނާ ބުންޏެވެ.
"މާމުއި" އަކީ އަލީ ޝިފާއު(ޗިއްޕެ) އާއި އައިޝަތު ފުއާދުގެ ވާހަކަ އެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ރެކްސް އާއި ނުޒޫ...
"މާމުއި"ގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމު "މާމުއި" އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ޝާއްކޮ...
ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ. ކުރިން އެ ފިލްމު އަޅުވާ ގޮތަށް އޮތީ އަންނަ އަހަރުގެ އެޕްރީލް އެއްވަނަ ދުވަހުއެވެ.
"މާމުއި" ގެ ކުރިން ޑާކްރެއިންގެ ފިލްމު "ގޮށްރާޅު" ސިނަމާތަކަށް އަންނާނެއެވެ. އެއީ އަންނަ ފެބްރުއަރީ މަހުގެ ހަތަރެއްގައެވެ.