ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ހިންގަން އުޅުނު، 20 ރަށެއްގެ ނަރުދަމާގެ މަޝްރޫއު އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ޓަކައި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއާ ގުޅޭ އެންމެހައި ކަންކަން ބާތިލުކުރުމަށް ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީ އަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެ ކޮމިޝަނުން ވަނީ އަންގާފައި ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ، ދައުލަތަށް އަދި ފެނަކަ ކޯޕަރޭޝަނަށް ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އޭސީސީ އިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ މުއާމަލާތްތައް ފެށުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ގާއިމްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް އެ ކުންފުނިން ފޮނުވާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަކާ ގުޅިގެން ކަމަށެވެ.