އިއްޔެ މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ، ރައުޝަން ޖިއާންގެ މަރުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ރައީސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ހާދިސާއިން ފިލާވަޅު ލިބިގަނެ، ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމުގަ އެވެ.

އެ ހާދިސާއާ ގުޅިގެން، މާލޭ ސިޓީގައި އިމާރާތް ކުރަމުންދާ ތަންތަނުގައި މިހާރު ގެންގުޅޭ ސަލާމަތީ މިންގަނޑު މިހާރުން މިހާރަށް މުރާޖާކޮށް، ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް އެމަނިކުފާނު ވަނީ ޕްލޭނިން މިނިސްޓްރީއަށް އިއްޔެ އަންގަވާފަ އެވެ.

ބަސްތާ ވެއްޓުމުގެ ސަބަބުން ނިޔާވި ރައުޝަން ޖިއާން--

ބަސްތާގެ ދަށުގެ ނިޔާވީ ފ. އަތޮޅު ރަށެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ކުއްޖެކެވެ. އެ ކުއްޖާ ދިރިއުޅެމުން އައީ އާއިލާއާ އެކު ފ. އަތޮޅުގަ އެވެ. ކުއްޖާ މައިންބަފައިންނާ އެކު މާލެ އައީ އެ އާއިލާގެ ވީސާއާ ގުޅޭ ކަމެއްގަ އެވެ.

އެ ކުއްޖާގެ ހަށިގަނޑުން ވަރަށް ބޮޑަށް ލޭ މަދުވި އިރު، އެތެރޭގެ ގުނަވަންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ. އަދި ފައިގައި ރެނދުލުމުގެ އިތުރުން ކަރަށާއި ކޮނޑަށް ވަނީ ބޮޑެތި ގެއްލުން ވެފަ އެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވީ މިއަދު މެންދުރު 12:00 ހާއިރު އެެވެ.