ޕްރެމިއާ ލީގުގެ ބޮޑެތި ކްލަބުތަކުން ރޭ ވެގެން ދިޔައީ ފަސޭހަ ރެއަކަށެވެ. މެންޗެސްޓާ ސިޓީއިން ބްލެކްބާން ރޮވާސްގެ މައްޗަށް ހަތަރު ލަނޑުގެ ލީޑެއް ހޯދިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވަނީ ދެލަނޑުޖަހައިގެން މޮޅުވެފައެވެ.
މެންޗެސްޓާ ސިޓީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި މެންސިޓީ އިން ޖެހި ހަތަރު ލަނޑު ފެނިގެން ދިޔައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ބްލެކްބާން ގެ ގޯލު ހުޅުވައިދިނީ އެޑަމް ޖޯންސަން އެވެ. އޭގެ ތިން މިނެޓު ފަހުން މާރިއޯ ބަލޮޓެއްލީ މެންސިޓީ އަށް ލީޑު ފުޅާކޮށް ދިނެވެ.

މެންސިޓީ ގެ ފަރާތުން ފެނުނު ފަހު ދެލަނޑު ފެނުނީ މިސީޒަނުގައި އެޓީމާއި އަލަށް ގުޅުނު ދެކުޅުންތެރިންގެ ފަރާތުންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ސާމިރް ނަސްރީ މެންސިޓީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިން އިރު މެޗުގެ 87 ވަނަ މިނެޓުގައި ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ސްޓެފަން ސަވިޗް އެވެ. މިމެޗު ނިމިގެން ދިޔައީ 4-0 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ނޮވިޗް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުވެސް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފުގައި މެން ޔުނައިޓެޑް ސަލާމަތް ކޮށްދިނީ އެންޑަސަން އާއި ޑެނީ ވެލްބެކް އެވެ. އެންޑަސަން ގެ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ފެނުން އިރު، ޑެނީ ވެލްބެކް ޖެހި ލަނޑު ފެނުނީ 87 ވަނަ މިނެޓުގައެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން މެންޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

އެވަޓަން އަތުން ލިވަޕޫލް މޮޅުވީ 2-0 ލަނޑުންނެވެ. މިމެޗުގެ ވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލިވަޕޫލް އަށް ލީޑު ހޯދައިދިނީ އިނގިރޭސި ފޯވާޑް އެންޑްރޫ ކެރޯލް އެވެ. މެޗުގެ 82 ވަނަ މިނެޓުގައި ލިވަޕޫލް އަށް ލީޑް ފުޅާ ކޮށްދިނީ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެވަޓަންގެ ޖެކް ރޮޑްވެލް އަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން މިމެޗުގެ ބޮޑު ބައެއް އެވަޓަން ފުރިހަމަކުރީ 10 ކުޅުންތެރިންނާއި އެކުއެވެ. މެޗު ނިމިގެންދިޔައީ 2-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ވިގަން އާއި ދެކޮޅަށް ކުޅެ އެސްޓަން ވިލާ ވެސް މެޗު ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް ލީޑު ހޯދައިދިނީ އިނގިރޭސި ފޯވާޑް ގެބްރިއަލް އަގްބޮންލަހަރް އެވެ. މެޗުގެ 62 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް ޑެރަން ބެންޓް ވަނީ އެސްޓަން ވިލާއަށް ލީޑު ފުޅާ ކޮށްދީފައެވެ. މެޗު ނިމިގެންދިޔައީ 2-0 ލަނޑުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.

ވޮލްވާހެމްޓަން ވެންޑަރާސް އަތުން ނިއުކާސަލް ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ދެލަނޑު ޖެހި އިރު، ވޮލްވްސް ގެ ލަނޑު ފެނުނީ މެޗު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 17 ވަނަ މިނެޠުގައި ޑެމްބަ ބާ ނިއުކާސަލް އަށް ލީޑް ހޯދައިދިން އިރު މެޗުގެ 38 ވަނަ މިނެޓުގައި ޖޯނަސް ގުޓިއަރޭޒް އެޓީމަށް ލީޑް ފުޅާކޮށްދިނެވެ.

ސަންޑަލޭންޑް އިން ވަނީ ވެސްޓްބްރޮމް ހިފަހައްޓާފައެވެ. ވެސްޓްބްރޮމް އިން ވަނީ މެޗުގެ ހަތަރު ވަނަ މިނެޓުގައާއި ފަސްވަނަ މިނެޓުގައި ދެލަނޑު ޖަހާ ލީޑް ހޯދާފައެވެ. ހަތަރު ވަނަ މިނެޓުގައި ޖާމްސް މޮރިސަން ވެސްޓް ބްރޮމް އަށް ލިޑު ހޯދައިދިން އިރު، ލީޑް ފުޅާކޮށްދިނީ ޝޭން ލޯންގް އެވެ. ސަންޑަލޭންޑުގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ނިކްލަސް ބެންޑްޓުނާ ކާމިޔާބުކޮށްދިން އިރު، މެޗުގެ 26 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނީ އަހްމަދު އެލްމޮހަމަދީ އެވެ. މިމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.