ޕީއެމުން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ބަލައި ނުގަނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް "ސަން" އަށް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް، އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިަގއި ހައިކޯޓުން އިއްވި ހުކުމުގައި ވަނީ، ޕީޕީއެމްގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ބަލައިގަތުމަށާއި، ކޮންގްރެސްގައި އެޕާޓީގެ މަގާމުތަކަށް އައްޔަންކުރި ފަރާތްތައް 24 ގަޑިއިރުތެރޭގައި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްފަ އެވެ.

ހައި ކޯޓުން ކުރި ހުކުމަށް އިލެކްޝަނުން އިހުތިރާމު ކުރާ ކަމަށާއި އެހެން ނަމަވެސް ހައިކޯޓުން ކުރި ހުކުމުގައި އިލެކްޝަނުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް މީގެ ކުރިން އަކްރަމް ވަނީ ވިދާޅުވެފަ އެވެ.