17 Dec 2018, 18:24
މާލޭ ސިޓީގެ އަމަންއަމާންކަން ބެލެހެޓުމެގެ ގޮތުން، އަށް ސަރަހަށްދަކަށް ބަހަލައި، އެ ސަރަހައްދުތަކުގައި ފުލުހުންގެ ސަޕޯޓިވް އޮފިސަރުން މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފި އެވެ.
ފުލުހުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކޮށް، ގަވާއިދުން ޕެޓްރޯލް ކުރަން ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ނިންމާފައިވާ ވައުދެކެވެ.
މިއަދު އިސްކަންދަރުކޮށީގައި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވަނީ މާލެ ސިޓީ، އަށް ނެއިބާހުޑަކަށް ބަހާލައި ޕެޓްރޯލް ކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްފަ އެވެ.
އެގޮތުން އެ މަސައްކަތުގެ ދަށުން މާލެ ހަތަރު ސަރަހައްދަކަށް، ހުޅުމާލެ ތިން ސަރަހައްދަކަށް އަދި ވިލިމާލެ ވަކި ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ފުލުހުންގެ އެހެނިހެން އިސް ރޭންކްތަކުގެ އޮފިސަރުންނާއި ނޫސްވެރިން ބައިވެރިވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މި މަސައްކަތަކީ ފުލުހުންގެ މުއައްސަސާ އިން މާލޭގައި އަމާން ވެއްޓެއް ގާއިމްކުރުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުނާ ގާތުން މަސައްކަތް ކުރެއްވުމަށް ފަށާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މާލެތެރެ އަމާންކޮށް، މަގުތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަދު ފެށިގެންދާ މިމަސައްކަތަކީ ރައްޔިތުނަށް އޭގެ ބަދަލެއް އިހުސާސް ކުރެވޭނެ ވަރުގެެ މަސައްކަތަކަށް ވެގެންދިޔުން،" އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ
އެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ބަހާލެވިފައވާ ސަރަހަށްދުތަކަށް ކަނޑައަޅާފައިވާ ސަޕޯޓީވް އޮޮފިސަރުންނަކީ ވަކި ރޭންކެއްގެ އޮފިސަރުންކަމަށާއި އެ އޮފިސަރުންގެ ދަށުން ޕެޓްރޯލްކުރާނެ ފުލުހުންގެ ގްރޫޕްތައް ވެސް ހަމަޖައްސާނެ ކަމަށެވެ. އަދި އެ އޮފިސަރުންނަކީ މިކަމަށް ހާއްސަ ތަމްރީނު ދެވި، އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކެއް ފުލުހުން ތެރޭގައި ލިޔެވި ކަނޑައަޅާފަިއވާ އޮފިސަރުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަމާޒަކީ ކޮންމެ ސަރަހައްދަކަށް ކަޑައަޅާފައިވާ ސަޕޯޓިވް އޮފިސަރުންނަކީ އެ ސަރަހައްދެއް ރަނގަޅަށް ބެލެހެއްޓި، ޕެޓްރޯލް ކުރާ އިރު ރައްޔިތުނާ ވީހާވެސް ގުޅިގެން މަސައްކަތްކުރުން،" ހަމީދު ވިދާޅުވި އެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ
ފުލުސް އޮފީހުގެ ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ، ނެއިބަހުޑް އޮފިސަރުން ތައާރަފް ކުރުމަކީ ފުލުހުންގެ މަސައްކަތް ޑީސެންޓްރަލައިޒްވެގެންދާނެ ކަމެއް ކަމަށާއި އެއީ ސަރަހައްދުތަކުގައި ހިނގާ ކަންތައްތައް މިހާރަށް ވުރެ ރަނގަޅަށް ދެނެގަނެވި، ފުލުހުން ޕެޓްރޯލް ކުރާ އުސޫލުތަކަށް ހާލަތާ ގުޅޭ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.
ސަރަހަދުތަކުގެ ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ ބައެއް މަސައްކަތްތައް:
ކުށް ހިނގާ ސަރަހައްދުތަކާއި ވަގުތަތަކާއި ކުށަށް އަރައިގަންނާނެ ފަދަ ފަރާތްތަކާއި އަދި ކުށުގެ ޝީކާރައަކަށް ވުން ގާތް މީހުނަށް އަމާޒުކޮށް ސަރުހައްދުތައް ބެލެހެއްޓުން.
- ގޭބީސީތަކާއި ސަރަހައްދުތަކަށް ސަރަހައްދުތަކަށް ގަވާއިދުން ޒިޔާރަތްކޮށް މައުލޫމާތު ނަގާ ފުލުހުނާ ހިއްސާ ކުރުން.
- ސަރަހައްދުތަކުގައި ހިނގާ އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އަމަލުތަކާއި އެހެނިހެން ކުށްތަކަށް، އެ ސަރަހައްދު ބަލަހަށްޓާ ޕެޓްރޯލް އޮފިސަރުންގެ އެހީއާ އެކު ހައްލު ހޯދައިދިނުން.
- ސަރަހައްދުން ލިބޭ މައުލޫމާތުތަކާއި އިންޓެލިޖެންސުން ލިބޭ މައުލޫމާތު ކަމާބެހޭ ފުލުހުނާއި ހިއްސާކޮށް ހައްލު ހޯދައިދިނުން.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުލުހުނާ ގުޅޭ އިތުރު ދެ ވައުދެެއް ހިމެނެ އެވެ. އެއީ ތިމާވެށި އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުންގެ ހިދުމަތް ދޭން ފެށުންމާއި ފުލުހުންނާ އާމުންގެ ހިޔާލު ލިބިގެން ފުލުހުންގެ މުއަސާސާ ހަރުދަނާކޮށް ރިފޯމު ކުރުމަށް ޕްރޮގްރާމެއް ހިންގުނެ ހިމެނެ އެވެ.
އެ ދެ ވައުދު ފުރިހަމަ ކުރުމަށް ޓަކައި މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެ ދެ ވައުދު ވެސް ފުރިހަމަ ވެގެންދާނެ ކަމަގެ ޔަގީން ކަން ހޯމް މިނިސްޓަރު ދެއްވި އެވެ.