17 Dec 2018, 17:57
އދ. ގެ ސެކިއުރިޓީ ކައުންސިލަށް އިންޑިއާ ގެންނަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.
އެ ބައްދަލުވުމަށް ފަހު މޯދީއާ އެކު ނެރުއްވި ގުޅިފައިވާ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެމްބަރަކަށް ވުމަށް އިންޑިއާއިން ކުރާ މަސައްކަތަށް ރާއްޖޭގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީއަށް އެމަނިކުފާނު އަރުވާފައިވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ސެކިއުރިޓީ ކައުންސިލް އިސްލާހު ކުރުމަށް އިންޑިއާ އިން ކުރާ މަސައްކަތުގައި ރާއްޖޭގެ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.
ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެމްބަރަކަށް ވުމަށް އިންޑިއާގެ އިތުރުން މަސައްކަތް ކުރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ބްރެޒިލް، އަދި ޖަޕާނު ހިމެނެ އެވެ.
އެ ބައްދަލުވުމަށް ފަހު މޯދީ ވަނީ ރާއްޖެއަށް 1.4 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުއްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ މިއަދު ސޮއި ކޮށްފަ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުންތައް:
1. ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމަށްޓަކައި "އެގްރިމެންޓް އޮން ދަ ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް"
2. ސަގާފީ ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ކަލްޗަރަލް ކޯޕަރޭޝަން"
3. ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން ފޮ އެސްޓޭބްލިޝިން މިއުޗުއަލް ކޯޕަރޭޝަން ޓު އިމްޕްރޫވް ދި އިކޯސިސްޓަމް ފޯ އެގްރިބިޒްނަސް"
4. ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "ޖޮއިންޓް ޑެކްލެރޭޝަން އޮފް އިންޓެންޓް އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިންފޯމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް އިލެކްޓްރޯނިކްސް"