މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބޮޑެތި ޒަހަމްތަކެއް ލިބުނު ކުޑަކުއްޖާ މަރުވި މައްސަލައިގައި ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ދައުވާ ކުރަން ގާނޫނީ ވަކީލު ހުސްނުއްސުއޫދާއި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިމެންތި ބަސްތާ ވެއްޓުނު ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ޑިރެކްޓަރުން ހައްޔަރުކޮށް ޖިނާއީ ދައުވާ ކުރުމަށް ގޮވާލައިފައެވެ.

ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓުގައި ވަނީ މި ޒަމާނުގައި މިފަދަ ހާދިސާތައް ހިނގުން ގަބޫލު ނުކުރެވޭ ކަމަށެވެ. މި ހާދިސާއަށް ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭނެ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.

މިފަދަ ހާދިސާތައް މަދުކުރުމަށް ސިޓީ ކައުންސިލާއި ސަރުކާރުން ފިޔަވަޅު އެޅުމަށް ޖަމީލް ވަނީ ގޮވާލައްވައިފައެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް ދަނީ ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ދައުވާކޮށް މި ފަދަ މަސައްކަތްކުރާ ކުންފުނިތައް ޒިންމާދާރު ކުރުމަށް ގޮވާލަމުންނެވެ.

ސިމެންތި ބަސްތާ ވެއްޓި ޒަހަމްވީ ކުއްޖާ މަރުވެފައިވަނީ މިއަދު މެންދުރު 12:00 ހާއިރެވެ.

އިއްޔެ މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުން ސިމެންތި ބަސްތާއެއް ވެއްޓިފައި ވަނީ އުމުރުން ނުވަ އަހަރުގެ ކުއްޖެއްގެ ބޮލަށެވެ.

އެކުއްޖާއަކީ ފ. އަތޮޅު ރަށެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ކުއްޖެކެވެ. އަދި އެ ކުއްޖާ ދިރިއުޅެނީ އާއިލާއާ އެކު ފ. އަތޮޅުގަ އެވެ. ކުއްޖާ މައިންބަފައިންނާ އެކު މާލެ އައީ އެ އާއިލާގެ ވީސާއާ ގުޅޭ ކަމެއްގަ އެވެ.

ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭ ވީޑިއޯ އާންމުކޮށްފައިވާ އިރު އެ ކުއްޖާ ސިމެންތި ބަސްތާ ދަށުވެފައި އޮތްކަން އެންމެ ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި އުޅުނު ކޮންސްޓްރަކްޝަން ވޯކަރަކަށެވެ. އަދި އެސަރަހައްދުން ދިޔަ ދިވެހީންތަކެއް ވަނީ އެ ކުއްޖާ ކޮނޑަށް އަރުވައިގެން ވަގުތުން އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

އައިޖީއެމްއެޗަށް ގެންގޮސް އެ ކުއްޖާއަށް ފަރުވާ ދެމުން ގެންގޮސްފައި ވަނީ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގަ އެވެ.

އެ ހާދިސާއާ ގުޅިގެން، އިމާރާތުގައި މަސައްކަތް ކުރަމުން އަންނަ ޑަބްލިޔު ކޮންސްޓްރަކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާގެ ބޭހުގެ ހުރިހާ ހަރަދެއް ކުރަމުން އަންނަ ކަމަށާއި ހާދިސާއާ މެދު ކުންފުނިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.