17 Dec 2018, 14:12
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުންތަކާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އައިސްފައިވާ ހީނަރުކަން، އަލުން ބަދަހިވާން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ރާއްޖެ އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ސޯލިހު ދެއްވި ޖޮއިންޓް ސްޓޭޓުމެންޓުގައި ރައީސް ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުންތަކާ އެކު ޑިފެންސް، ހެލްތު، ތައުލީމު، ކޮމާސް އަދި ސަގާފީ ދާއިރާ އިން ގުޅުން ބަދަހި ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދެއްވި ދައުވަތު އެ ދެ ބޭފުޅުން ގަބޫލު ކުރައްވާފައިވާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ދެ ބޭފުޅުން ވެސް ރާއްޖެއަށް ރަސްމީ ދަތުރުޅެއް ކުރައްވާނެ ކަމަށެވެ.
ރައީސް ވަނީ އިންޑިއާ އިން އެމަނިކުފާނަށާއި ޓީމަށް ކިޔާފައިވާ ހޫނު މަރުހަބާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، ކްރެޑިޓް ސަޕޯޓުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ރާއްޖެއަށް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ. އަދި ރާއްޖެއަށް އިތުރު 1000 ސްކޯލާޝިޕް، ޓްރެއިނިން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.