އިންޑިއާ އިން ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް (ލޯނު) ސަޕޯޓެއް ދޭން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ސޯލިހު ދެއްވި ޖޮއިންޓް ސްޓޭޓުމެންތުގައި ބޮޑުވަޒީރު މޯދީ މިއަދު ވިދާޅުވީ ރާއްޖެއާ އެކު އަބަދު ވެސް އިންޑިއާ އިން ދެމިއޮންނާނެ ކަމަށެވެ.

އަދި ރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖެއަށް އިކޮނޮމިކް އެސިސްޓެންސްގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު [22 ބިލިއަން ރުފިޔާ]ގެ ފޯރުކޮށްދޭނެ. މި އީ ބަޖެޓް ސަޕޯޓުގެ ގޮތުގައި، ކޮންސެޝަނަލް ލައިންސް އޮފް ކްރެޑިޓްގެ ގޮތުގައިދޭ އެހީއެއް،" މޯދީ ވިދާޅުވި އެވެ.

އެ ލޯނަކީ ކިހާ ދުވަހަކުން ދައްކަން ޖެހޭ އަދި އިންޓަރެސްޓް ރޭޓަކީ ކިހާވަރެއް ކަމެއް އިންޑިއާގެ ބޮޑުވަޒީރު ވިދާޅެއް ނުވެ އެވެ.

މޯދީ ވިދާޅުވީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ތާރީހާއި ސަގާފަތުގެ ދާއިރާ އިންނާއި އިންފްރާސްޓްރަކްޗާ، ސިއްހީ ދާއިރާ އަދި ޓޫރިޒަމްގެ ދާއިރާ އިން އިންޑިއާ އާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރު ތެރޭ ރާއްޖެއަށް ތަމްރީނުގެ އިތުރު 1000 ފުރުސަތު ދޭން އިންޑިއާ އިން ވަނީ ނިންމާފައި،" މޯދީ ވިދާޅުވި އެވެ.

މިއަދު ސޮއިކުރި ވިސާ އެއްބަސްވުމާ އެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އިތުރު ބަދަހިކަމެއް އަންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"އިންޑިއާ އާއި ރާއްޖެއާ ދެމެދު ބައިލެޓްރަލް އަދި އިގްތިސޯދީ ގުޅުން ބަދަހިވަމުންދާތަން ދެކެން ބޭނުން. ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް އިންޑިއާގެ ކުންފުނިތަކަށް ހޯދައިދޭނަން،" މޯދީ ވިދާޅުވީ ރާއްޖެ އިން އިންޑިއާގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަލަމަތާއި ސުލްހައަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުުރުމުގެ މުހިއްމުކަން މޯދީ ފާހަގަ ކުރެއްވި އެވެ.

"ސަރަހައްދުގެ ހަމަޖެހުމަށް ރާއްޖެ އާއި އިންޑިއާގެ ހިއްސާ އޮތީ އެއްވަރަކަށް،" މޯދީ ވިދާޅުވި އެވެ.

މޯދީ ވަނީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ކުރެއްވީތީ އެކަމަށް ޓަކައި ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވައިފަ އެވެ. މިކަމުން ދޭހަވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ކަމަށް މޯދީ ވިދާޅުވި އެވެ.