17 Dec 2018, 13:02
މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބޮޑެތި ޒަހަމްތަކެއް ލިބުނު ކުއްޖާ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މިއަދު މެންދުރު 12:00 ޖަހާލި ހާއިރު އެ ކުއްޖާ މަރުވިކަން އައިޖީއެމުއެޗުން ވަނީ 'ސަން' އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި މަރުވީ އައިސީޔީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އައިޖީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަސްތާ އިން ޖެހި އެ ކުއްޖާގެ ކަރަށް ގެއްލުންވުމުގެ އިތުރަށް ފައި ވެސް ރެނދުލި ކަމަށެވެ.
އިއްޔެ މ. ނަލަހިޔާމަންޒިލު ގޭގެ ފަސް ވަނަ ބުރީގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ދަނިކޮށް އެ އިމާރާތުން ސިމެންތި ބަސްތާއެއް ވެއްޓިފައި ވަނީ އުމުރުން ނުވަ އަހަރުގެ ކުއްޖެއްގެ ބޮލަށެވެ.
އެކުއްޖާއަކީ ފ. އަތޮޅު ރަށެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ކުއްޖެކެވެ. އަދި އެ ކުއްޖާ ދިރިއުޅެނީ އާއިލާއާ އެކު ފ. އަތޮޅުގަ އެވެ. ކުއްޖާ މައިންބަފައިންނާ އެކު މާލެ އައީ އެ އާއިލާގެ ވީސާއާ ގުޅޭ ކަމެއްގަ އެވެ.
ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭ ވީޑިއޯ އާންމުކޮށްފައިވާ އިރު އެ ކުއްޖާ ސިމެންތި ބަސްތާ ދަށުވެފައި އޮތްކަން އެންމެ ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި އުޅުނު ކޮންސްޓްރަކްޝަން ވޯކަރަކަށެވެ. އަދި އެސަރަހައްދުން ދިޔަ ދިވެހީންތަކެއް ވަނީ އެ ކުއްޖާ ކޮނޑަށް އަރުވައިގެން ވަގުތުން އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗަށް ގެންގޮސް އެ ކުއްޖާއަށް ފަރުވާ ދެމުން ގެންގޮސްފައި ވަނީ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގަ އެވެ.
އެ ހާދިސާއާ ގުޅިގެން، އިމާރާތުގައި މަސައްކަތް ކުރަމުން އަންނަ ޑަބްލިޔު ކޮންސްޓްރަކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާގެ ބޭހުގެ ހުރިހާ ހަރަދެއް ކުރަމުން އަންނަ ކަމަށާއި ހާދިސާއާ މެދު ކުންފުނިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.