17 Dec 2018, 12:45
މާލޭގައި އިމާރާތް ކުރުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދި ގާނޫނީ ވަކީލުންތަކެއް ސިވިލް ކޯޓަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.
އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ނުހަދައި އިމާރާތް ކުރުމުގެ ހުއްދަ ނުދިނުމަށާއި ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ރިޒާ ޝަފްނީޒް އެންޑް ކޯ އާއި، ވިޝާމް އެންޑް ކޯގެ އިތުރުން، އައިމިނަތު އަރީޖާއި، ސޮފިއްޔާ ތައުފީގާއި ފާތިމަތު ޝަރީފެވެ.
އެ ފަރާތްތަކުން ހުށަހެޅި މައްސަލާގައި ވަނީ އިމާރާތްކުރުމުގެ ގާނޫނުގައިވާ 14 ގަވާއިދެއް ހެދުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެ މަސައްކަތް ހައުސިން މިނިސްޓްރީން ކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އެ ކަންތައްތައް 30 ދުވަހުގެ ތެރޭގައި ކުރުމަށް އަމުރުކޮށްދިނުމަށެވެ.
އެ ގަވާއިދުތަށް ހަދައި ގެޒެޓްކުރަން ޖެހޭ މުއްދަތު ފަހަނާޅައިގޮސް ހަތް މަސް ދުވަސް ވެފައިވާ ކަމަށް ރިޒާ، ޝަފްނީޒް އެންޑ ކޯ އިން ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.
ގާނޫނީ ވަކީލުންތަކެއް ގުޅިގެން، މޭލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދިފައި މިވަނީ އިއްޔެ މާލޭގައި އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ތުއްތު ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނިކޮށެވެ. އެ ހާދިސާގައި ޒަހަމްވި ހަތް އަހަރުގެ ބިދޭސީ އަންހެންކުއްޖާ އަދި ވެސް އޮތީ ނާޒުކުރު ހާލަތެއްގަ އެވެ.
މާލޭގައި އިމާރާތްކުރުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް ރިވިއުކޮށް، އަދި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓުތައް އިންސްޕެކްޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އަމުރުކުރައްވާފަ އެވެ.