17 Dec 2018, 11:03
މާލޭގައި ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ހަރުކޮށްފައި ހުންނަ ބިއްލޫރި ދޮރުތައް ތެޅޭ މައްސަލަ ބޮޑުވެެއްޖެއެވެ.
މިއަދުވެސް ވޭސައިޑް ފްލެޓުގެ ފަސްވަނަ ބުރިއާއި ހަވަނަ ބުރީގެ ދެ އެޕާޓްމެންޓެއްގެ ދޮރު ވަނީ ތަޅައިގެން ގޮސްފައެވެ. އެތަނުން އެއް އެޕާޓްމެންޓުން ވާހަކަ ދެއްކި މީހަކު ބުނީ "ހަމަ އަޑެއްކިޔާފައި ތެޅުނީ" ކަމަށެވެ.
މީގެ ކުރިންވެސް މިގޮތަށް ހަތަރު އެޕާޓްމެންޓެއްގެ ބިއްލޫރިގަނޑު ތެޅުނު ކަމަށްވެއެވެ.

ވޭސައިޑު ފްލެޓެއްގެ ބިއްލޫރިގަނޑު ތެޅިފައި -- ސަން ފޮޓޯ: މުހައްމަދު ޝަހީމް
ބިއްލޫރި ތެޅުނު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ޓާޓާ ފްލެޓުތައް ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ދަނީ ފުލުހުންގެ އެހީގައި ބިއްލޫރިގަނޑު ތެޅުނު ދޮރު ނައްޓާލުމުގެ މަސައްކަތް ކުރަމުންނެވެ.
ބިއްލޫރި ތެޅުމުގެ ސަބަބުން މަގުމައްޗަށާއި އެޕާޓްމެންޓު ތެެރެއަށްވަނީ ބިއްލޫރިތަައް އެޅިފައެވެ.
ވޭސައިޑު ފްލެޓުގެ ބިއްލޫރި ތަޅައިގެންދަނީ އޯވާހީޓްވެގެން ކަމަށް ބެލެވެއެވެ. އެ ބިއްލޫރިތަކުގައި އަތްލުމުން އާދަޔާ ހިލާފަށް ހޫނުކަން އިހުސާސްކުރެވޭކަމަށާއި މިހެން މިކަން ދިމާވަނީ ރާއްޖޭގެ މާހައުލާ ނުގުޅޭ ބިއްލޫރިއެއް ބޭނުންކޮށްފައި ހުރުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށް އެތަނުގައި ދިިރިއުޅޭ މީހުން ބުނެއެވެ.