17 Dec 2018, 10:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް އިންޑިޔާ ސަރުކާރުން ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ.
ރައީސް ސޯލިހުގެ ދެކަނބަލުންނަށް ރަސްމީކޮށް މަރްޙަބާ ދެންނެވުމަށް އިންޑިއާ ސަރުކާރުން މިއަދު ބޭއްވި ރަސްމިއްޔާތު ބޭއްވީ އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެެވެ.
ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު ރައީސް ސޯލިހު ޑަޔަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސް ސޯލިހުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
އެއަށްފަހު އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުން ރައީސް ސޯލިހަށް ތައާރުފުކޮށް އެރުވިއެވެ. ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އިންޑިޔާގެ ރައީސަށް ތައާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.
ރާޝްތުރަޕަތީ ބަވަނުގައި އޮތް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސްގެ ދެކަނބަލުން، މަހާތުމާ ގާނދީގެ މަގުބަރާ، ރާޖްގަޓަށް ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ. އިއްޔެ ފެއްޓެވި މި ދަތުރުފުޅުގައި ރައީސް ރޭ ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފައެވެ.