17 Dec 2018, 10:12
ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އައިސީއެސް މޯލްޑިވްސްގެ ފަރާތުން "ޒީރޯ ޕްލާސްޓިކް ރަން"ގެ ނަމުގައި ދުވުމެއް އިންތިޒާމުކޮށްފިއެވެ.
އައިސީއެސް އިން ބުނީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓުވެންދެން މި ދުވުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދާ ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އިކޯ ފްރެންޑްލީ މެޑަލް އެއް ދޭނެއެވެ.
މި ދުވުމުގެ ބައިވެރިން ދުވުމުގައި ސިންގަލް ޔޫސް ޕްލާސްޓިކް އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރާނެއެވެ.
އައިސީއެސް އިން ބުނީ މި ދުވުން ބާޢްވާ ދުވަހު، ދުވުން ފެށުމުގެ ކުރިންވެސް ބައިވެރިންނަށް ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކަލެކްޓު ކުރުމަށް ހާޢްސަ ޕޮއިންޓުތަކެއް ގާއިމް ކޮށްފައި ހުންނާނެ ކަމަށާއި އެފަދަ ތަކެތި މި ތަންތަނާ ހަވާލުކުރުމުން ރިސައިކްލިން އަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުުރުން ދުވުން ކުރިއަށް ދާއިރު މަގުމަތިން ފެންނަ ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް ނަގައި، މި ޕޮއިންޓުތަކަށް ގެންދިއުމަށް އެ ކުންފުނިން އެދެއެވެ. މި ދުވުން ނިންމާލުމަށްފަހު، ދުވުމުގެ ބައިވެރިން ހާއްސަ ހުވައެއް ކުރާނެއެވެ. މިއީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ކުރާ ހުވައެކެވެ.
އައިސީއެސް މޯލްޑިވްސް އަކީ ރާއްޖޭހައި ހިންގަމުން އަންނަ ކޮންސަލްޓެންސީ ކުންފުންޏެކެވެ. މި ދުވުމަކީ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ދުވުމެކެވެ.
މީގެ ކުރިން އައިސީއެސް އިން ވަނީ "ކްލީނިން ކުއެސްޓު"ގެ ނަމުގައި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމުތައްވެސް ކުރިއަށް ގެންގޮސްފައެވެ.