ދިމިޝްގު (ޑިސެމްބަރު 17): ސީރިއާ ހަނގުރާމަ ފެށުނު ފަހުން އެގައުމަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ލީޑަރަކަށް ސޫދާންގެ ރައީސް އުމަރު އަލް ބަޝީރުވެ ވަޑައިގެންފި އެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ ސަނާގައިވާ ގޮތުން އިއްޔެ ދިމިޝްގު އެއާޕޯޓުން އަލް ބަޝީރަށް މަރުހަބާ ވިދާޅުވީ ރައީސް ބައްޝާރުލް އަސަދެވެ. އަދި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާއި އަރަބި ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ސަނާގައިވާ ގޮތުން، އަލް ބަޝީރު ވަނީ ސީރިއާއަކީ މެދުއިރުމަތީގައި މުހިއްމު ދައުރެއް ކުޅެމުން އައި ގައުމެއް ކަމަށާއި އަނެއްކާ ވެސް އެފަދަ ދައުރެއް ކުޅެން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އަސަދު ވަނީ އަލް ބަޝީރުގެ ދަތުރުފުޅުގެ ސަބަބުން، ދެ ގައުމުގެ މެދުގައި ސީރިއާ ހަނގުރާމައިގެ ކުރިން އޮތް ގުޅުމަށް ރުޖޫއަވާން މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ދެހާސްއެގާރަ ވަނަ އަހަރު ސީރިއާ ހަނގުރާމަ ފެށުނު ފަހުން އެގައުމު ވަނީ 22 މެމްބަރުން ހިމެނޭ އަރަބި ލީގުން ބޭރުކޮށްފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ ސީރިއާ ސަރުކާރުން އަސްކަރީ ބާރު ބޭނުންކޮށް، އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރަން ދެކޮޅު ހަދާތީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ސީރިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ނަމަވެސް ސީރިއާ ހަނގުރާމަ ނިމެން ގާތްވެފައިވާ ކަމަށް ލަފާކޮށް، ބައެއް އަރަބި ގައުމުތަކުން ވަނީ އެގައުމާ އަނެއްކާ ވެސް ގުޅުން ގާއިމު ކުރަން ބޭނުންވާ ކަމުގެ އިޝާރާތްކޮށްފަ އެވެ.