އިންޑިއާގައި އުފަންވި، ބަނޑުން ގުޅިފައިވާ ދެ ކުދިން ވަކިކުރުމަށް އޮޕަރޭޝަނެއް ކޮށްފިއެވެ.

އުމުރުން ތިން ދުވަހުގައި މި ދެކުދިންގެ އޮަޕަރޭޝަން ކޮށްފައިވަނީ އުއްތަރް ޕްރަދޭޝްގެ އަވަށެއްގައެވެ. ކުދިންގެ މައިންބަފައިންގެ އަތްމަތި ދަތިކަމުން ހޮސްޕިޓަލުގެ ޑޮކްޓަރުން މި އޮޕަރޭޝަން ކޮށްދިނީވެސް ހިލޭ އެވެ.

ފަސް ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަން ކާމިޔާބުވެފައިވާއިރު، ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުން ކުރި އެންމެ ތަފާތު އޮޕަރޭޝަން ކަމަށެވެ.

މި ދެ ކުދިން އުފަންވިއިރު ބަރުދަނުގައި ހުރީ ތިން ކިލޯ އެވެ. ކުދިންނަށް ނަން ކިޔާނީ ހޮސްޕިޓަލުން ގެއަށް ފޮނުވާލުމުން ކަމަށް އާއިލާ އިން ބުނެފައިވެއެވެ.

ކޮންޖޮއިންޑް ޓްވިންސް ނުވަތަ އުފަންވާއިރު ގުޅިފައިވާ ދެކުދިން އުފަންވަނީ އަންހެން މީހާގެ އެއް ބިސް ޕްރޮޑިއުސްކޮށް އެ ބިސް ފާޓިލައިޒް ވާއިރު ރަނގަޅަށް ވަކިނުވާތީއެވެ. މިގޮތަށް އުފަންވާ ކުދިން ދުނިޔޭގައި ތިބުމުގެ އޮންނަނީ އެންމެ 25 ޕަސެންޓެވެ. މިގޮތަށް ގުޅިފައިވާ ކުދިން އުފަންވާން ދިމާވަނީ ކޮންމެ 200،000 ފަހަރަކުން އެއްފަހަރުއެވެ.